ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންތަކަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަނިޔާދީ، އެކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ހިންގި މައްސަލައިގައި ހިމެނޭ 6 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާ ކޮށްފިއެވެ.

ޕީޖީ އިން ބުނީ، އެއީ 6 މީހަކަށް ދައުވާ ކޮށްފައި ވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދާ އުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރު ކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އެމައްސަލައިގައި ހިމެނޭ 6 މީހެއްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ކަމަށާއި މި މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ ބަލާ ކޮމިޝަނުން ޕީޖީ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ޕީޖީ އޮފީހުގެ ޓީމަކާއެކު ވަކާލާތު ކުރައްވާނީ ޕީޖީ ހުސައިން ޝަމީމްއެވެ. ޝަމީމް ވިދާޅުވީ، މިއީ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން މައްސަލައެއް ތަހުޤީޤު ކުރުމަށް އެދި ފުލުހުންގެ މައްޗަށް ނެރުއްވި ދެވަނަ އަމުރު ކަމަށެވެ. އަދި މި މައްސަލައިގައި ވަކާލާތު ކުރުމުގެ ޝައުގުވެރިކަން ޝަމީމް ފާޅު ކުރެއްވިއެވެ.

މި މައްސަލައިގައި ދައުވާ ކުރި މީހުން:

  1. މުހައްމަދު ޝަރީފް، ވ ސަމާހިޔާ- ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
  2. ހުސައިން އަހުމަދު، ވ ފަންސި- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
  3. އަލީ އަހުސަން، ވ ރިއޯ- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
  4. ނަޖީހު އަހުމަދު، މއ އަކިރިފުށި ދެކުނުބައި- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
  5. އަހުމަދު ވަނޫދު، ހ ފޯސީޒަން- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
  6. ހުސައިން ހަމްދޫން، ވ އާސްމާން- ބިރުދެއްކުމުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ

މި މައްސަލައިގައި މިހާތަނަށް ދައުވާ ހުށައަޅާފައިވާ މީހުންނާއި، މި މައްސަލައިގައި ޝާމިލުވާ އިތުރު މީހުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތްތައް ތަހުގީގީ އިދާރާތަކުން ކުރަމުންދާ ކަމަށް ޕީޖީން ބުނެއެވެ. އަދި އެ މައްސަލަތައް ނިމި ޕީޖީ އޮފީހަށް ހުށައެޅުމުން ހެއްކަށް ބެލުމަށްފަހު ދައުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.