މީހުންނަށް ހީވެފައި އޮންނަ ގޮތުގައި އަސްކަރީ ހިދުމަތާ ގުޅެނީ ބަޑިޖަހަން ދަސް ކުރަން ކަމަށާ، ނަމަވެސް އަސްކަރީ ހިދުމަތުން އޭނާއަށް ދަސްކޮށްދިނީ އަބުރުވެރި ހަޔާތެއް ވޭތުކޮށް، ދެކޮޅު ޖެހޭ ދިރިއުޅުމެއް އުޅުމަށް ކަމަށް، މަޝްހޫރު ރެގޭ ލަވަކިއުންތެރިޔާ އޯވީލް ރިޗާޑް ބަރެލް ނުވަތަ މިއުޒިކީ ދުނިޔޭގެ ނަމުން ނަމަ "ޝެގީ" ބުނެފިއެވެ.

އަދުގެ ޒުވާނުންގެ މެދުގައި ފިޔަޖަހަމުން އަންނަ އަންނަ މިއުޒީޝަން "ކޮންކަރާ" އާއެކު ތައްޔާރުކުރި އެންމެ ފަހުގެ އަލްބަމާ ގުޅިގެން ސްކައިނިއުސްއަށް ދިން އިންޓަވިއެއްގައި އޭނާގެ ހަޔާތާ ބެހޭ ގޮތުން ވާހަކަދައްކަމުން ޝެގީ ވަނީ އަސްކަރިއްޔާގައި އޭނާ ހިދުމަތް ކުދި ދުވަސްވަރުގެ ތަޖުރިބާއިން ދިރިއުޅުމަށް ކުރި ފައިދާތައް ހިއްސާކޮށްފައެވެ.

1990ގެ އަހަރުތަކުގެ ކުރީކޮޅު މިއުޒިކީ ދުނިޔެ ފަތަހަ ކުރި ޝެގީ ވަނީ، 1988 ވަނަ އަހަރުން 1991 ވަނަ އަހަރުގެ ނިޔަލަށް، އަސްކަރިއްޔާގައި ހިދުމަތް ކޮށްފައެވެ. މިހާރު ޖެމެއިކާގައި ދިރިއުޅެމުން އަންނަ ޝެގީ ވަނީ، އިތުރު ތައާރަފަކަށް ބޭނުން ނުވާ ގަލްފް ހަނގުރާމައިގެ ތެރޭގައި އިރާގުގައި ހިދުމަތް ކޮށްފައެވެ.

ޒާތީ ދިރިއުޅުމުގައި މާ ބޮޑު ތަނަވަސްކަމެއް އަތުގައި ހިފާފައި ނެތް ޝެގީ، މިއުޒިކީ އުދަރަހުގެ ރަން ފަޒާގައި ފިޔަޖަހަން ފެށުމުގެ އަސްލަކީ އަސްކަރިއްޔާއިން އޭނާއަށް ދަސްކޮށްދިން ދިރިއުޅުން ކަމަށް ޝެގީ ބުނެއެވެ. އެގޮތުން ފަތިހު ހޭލާ ގޮތަށް ރޭގަނޑުގެ ވަގުތާ ޖެހެންދެން ދިރިއުޅުމަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭކަން އޭނާއަށް އަންގައިދިނީ އަސްކަރީ ހިދުމަތް ކަމަށް ޝެގީ ބުނެއެވެ.

ކާމިޔާބީއާ ގުޅުން ހުރި ހުރިހާ ކަމެއް އަސްކަރިއްޔާއިން ދަސްކޮށްދެމުން އައި ކަމަށް ޝެގީ ބުނެއެވެ.

ލަވަކިއުންތެރިޔާ ޝެގީ / ފައިލް ފޮޓޯ: ޕިންޓްރެސްޓް

ޝެގީ އަކީ ޒަމާނީ ރެގޭގެ ބުން އަޑު މިއުޒިކީ ދުނިޔެއަށް ފަތުރާލި ފަންނުވެރިޔާއެވެ. "އޯ ކެރޮލައިނާ" އާ "ކޯޓް ބަޓް ނޭކަޑް" ފަދަ ލަވަތަކަކީ، ދިވެހި ފަޒާގައިވެސް އެއް އިރެއްގައި މެދުނުކެނޑި އިވެމުންދިޔަ ލަވަތަކެކެވެ.

އަދުގެ ޒުވާނުންގެ ހޮޅުއަށިކަމަށްވާ "ޓިކްޓޮކް"ގައިވެސް ޝެގީގެ އަޑު ކަނޑައިގެން ނުދެއެވެ. މިއަހަރު ޝެގީ ނެރުނު އަލްބަމްގެ ސްޓްރީމަށް މިހާރުވެސް ބިލިއަނަކަށް ވުރެ ގިނަ ހިޓްސް ލިބިފައިވެއެވެ. ނުވިތާކަށް، ޑާންސް ޗެލެންޖުތައްވެސް ދަނީ ކުރިއަށެވެ.