ނިމިގެން މިދާ 2020 ވަނަ އަހަރަކީ ކައިރި މާޒީގައި އިންސަނާ ހޯދި އާންމު ދިރިއުޅުމުގެ އާދަތައް އެފުށް މިފުށަށް ޖަހާލި އަހަރެކެވެ. ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް 2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި އަހަރު ހޭދަ ވެގެންދާއިރު، ގިނަ ވަގުތު ގޭގައި ތިބި ދުނިޔޭގެ އާބާދީގެ އެންމެ ގާތް އެކުވެރިއަކަށް ވީ އިންޓަނެޓް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އިންޓަނެޓްގެ ވާހަކަ ދައްކާއިރު، އެންމެ ވަރުގަދަ ސާޗް އިންޖިން – "ގޫގްލް"ގެ އެހީއަށް އިންސާނީ ހަލޯރާތު ބަރޯސާވި ގޮތަށް އަވަސް ކަޅިއެއް ހިންގާލުމަކީ ޝައުގުވެރި ކުރަނިވި ކަމަކަށް ވާނެއެވެ.

އެއް ގޮތަށް ވުރެ ގިނަ ގޮތުން މިއަހަރު ގޫގްލްގައި އެންމެ އާންމު ބަހަކަށް ވީ "ކޮރޯނާވައިރަސް"އެވެ. އެ ކަމުގައި ޝައްކެއް ނެތެވެ. އެކަން ވާނީވެސް އެހެންނެވެ. ގޫގްލް އިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ދެން އެންމެ ގިނަ ބަޔަކު ސާޗް ކުރި މައުލޫމާތަކުގެ ތެރޭގައި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ، ހެލިކޮޕްޓަރެއް ވެއްޓި މަރުވި ބާސްކެޓް ލެޖެންޑް ކޯބީ ބްރާޔަންޓް، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންގެ އިތުރުން ޒޫމްއާއި ގޫގްލް ކްލާސްރޫމް ހިމެނެއެވެ.

ވީޑިއޯ ކޮންފަރެންސް އެޕްލިކޭޝަން

ހަބަރުގެ ގޮތުގައިވެސް އެންމެ ގިނަ ބަޔަކު ސާޗް ކުރި މައުލޫގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަނީ "ކޮރޯނާވައިރަސް" އަދި "އިންތިހާބުގެ ނަތީޖާ" ފަދަ މައުލޫތަކެވެ. މީގެ އިތުރުން އީރާނާއި ބެއިރޫތު އަދި ހަންޓާ ވައިރަހުގެ މައުލޫމާތާއި، ބިހާރުގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާއާއި، "ބްލެކް ލައިވްސް މެޓާ" ފަދަ މައުލޫތު ސާޗް ކުރި ރޭޓްވެސް ވަނީ ގަދަ 10 އިން ޖާގަ ހޯދާފައެވެ.

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން/ފޮޓޯ: އޭޕީ

ފިލްމީ ދާއިރާއަށް ބަލާއިރު ޓޮމް ހޭންކްސް، އަމީތާބު ބައްޗަން، ޖޭޑާ ޕިންކެޓް ސްމިތު އަދި ލިއާ މިޝޭލް ފަދަ ތަރިންގެ ނަން ފާހަގަ ކުރަންޖެހެއެވެ. އެތުލީޓުންނަށް ބަލާ ނަމަ 2020 ވަނަ އަހަރު އެންމެ ގިނަ ބަޔަކު އެ އެތުލީޓަކާ ބެހޭ މައުލޫމާތު ހޯދި ޝަހްސުންގެ ތެރޭގައި ރާޔަން ނިއުމަން، މައިކަލް ޖޯޑަން، މައިކް ޓައިސަން އަދި ތިއާގޯ ސިލްވާ ފަދަ އެތުލީޓުން ވަނީ ގަދަ 10 އިން ޖާގަ ހޯދާފައެވެ.

މަޝްހޫރު ބާސްކެޓް ބޯޅަ ލެޖެންޑް ކޯބީ ބްރާޔަންޓް މަރުވީ އޭނާ ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓިގެން/ފޮޓޯ: ރޮއިޓާޒް

2020 ވަނަ އަހަރު މި ދުނިޔެއާއި ވަކިވެދިޔަ ބައެއް މީހުންގެ މައުލޫމާތަކީވެސް ގޫގްލްގައި ފުދޭ ވަރަކަށް ސާޗް ކުރި ނަންތަކެކެވެ. މި ލިސްޓަށް ބަލާއިރު ކުރީގައި އޮތީ ކޯބީ ބްރާޔަންޓާއި ގްލީގެ ތަރި ނާޔާ ރިވޭރާއެވެ. މީގެ އިތުރުން ބްލެކް ޕެންތާ ޗެޑްވިކްއާއި ސުޝާންތު ސިންހާއި ޑިއޭގޯ މަރަޑޯނާވެސް މި ލިސްޓުގައި ހިމެނެއެވެ.

އެ ފިލްމަކާ ބެހޭ ގޮތުން 2020 ވަނަ އަހަރު އެންމެ ގިނަ ބަޔަކު ގޫގްލް ސާޗް ކުރި ފިލްމުތަކުގެ ތެރޭގައި "ޕެރަސައިޓް"، "1917"، "ބްލެކް ޕެންތާ"، އަދި "ކޮންޓޭޖަން" ފަދަ ފިލްމުތައް ހިމެނެއެވެ. ޓީވީ ޝޯތަކަށް ބަލާނަމަ، "ޓައިގާ ކިންގް"، "މަނީ ހައިސްޓް"، "އެމިލީ އިން ޕެރިސް" އަދި "ދަ ކުއީންސް ގެމްބިޓް" ފަދަ ސީރީޒްތައް ފާހަގަ ކުރެވެއެވެ.

ޑެލްގޯނާ ކޮފީ/ފޮޓޯ: އޭއެފްއެން

ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔޭގެ އާބާދީހެން ލޮކްޑައުންއަކަށް ދިޔައިރު، އެންމެ ގިނަ ބަޔަކު އެ ބުއިމެއް ތަޖުރިބާ ކުރި "ޑެލްގޯނާ ކޮފީ" ގެ ނަން ގޫގްލް ޓްރެންޑް ލިސްޓުން ޖާގަ ހޯދިކަން ބަޔާން ނުކޮށް ނިންމާލުމަކީ އިންސާފަކަށް ނުވާނެއެވެ.