ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، އާންމު އުސޫލުން ދިނުމުގެ އަމަލީ މަޝްރޫއު، ހޯމަ ދުވަހު ފަށާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

އެމެރިކާގައި އާންމު އުސޫލުން ކޮވިޑް ވެކްސިން ދިނުމަށް މި ފަށަނީ، ކުއްލި ހާލަތުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދިނުމާ އެކުގައި ކަމަށް ހަބަރު ލިބެއެވެ.

ވެކްސިން ފޯރުކޮށްދިނުމުގެ މަޝްރޫއުގައި އިސްކޮށް ހުންނަވާ ޖެނެރަލް ގަސްޓާވް ޕާނާ ވިދާޅުވީ ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 3 މިލިއަން ޑޯޒް، އެމެރިކާގެ ހުރިހާ ސްޓޭޓެއްގެ އެކި ހިސާބުތަކަށް ގެންދެވޭނެ ކަމަށެވެ. އަދި މިއަދުގެ ނިޔަލަށް އެކަން ނިންމާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ބޭނުން ކުރާނީ ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިނެވެ. އިނގިރޭސިވިލާތުގައި އާންމު އުސޫލުން ވެކްސިން ދެމުން ދާއިރު، އެގައުމުގައިވެސް ބޭނުން ކުރަނީ މި ވެކްސިނެވެ.

ފުރަތަމަ ޑޯޒްއަށްފަހު 3 ހަފުތަ މަޑުކޮށް، 2 ވަނަ ޑޯޒް ނަގައިގެން ވެކްސިން ފުރިހަމަ ކުރާ ގޮތަށް ފަރުމާކޮށްފައިވާ ފައިޒާގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 95 ޕަސެންޓް ދިފާއު ހޯދާދޭ ކާމިޔާބު ވެކްސިނެއް ކަމަށް އިއުލާން ކުރީ ނޮވެމްބަރު މަހުއެވެ. މި އަހަރު ތެރޭގައި މި ވެކްސިންގެ 50 މިލިއަން ޑޯޒް އަދި 2021 ވަނަ އަހަރު، 1.3 ބިލިއަން ޑޯޒް އުފެއްދުމަށް ވަނީ އަމާޒު ހިފާފައެވެ.

އެމެރިކާގައި ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ދޭން ފަށާނެ ކަމަށް އިއުލާން ކޮށްފައި ވާ މި ދަނޑިވަޅަކީ، މި ބަލީގައި އެ ގައުމުން ރެކޯޑް އަދަދަކަށް މަރުގެ ކޭސްތައް ރިޕޯޓް ކޮށްފައި ވާ ދަނޑިވަޅެކެވެ. އެގޮތުން ހޮނިހިރު ދުވަހު، މި ބަލީގައި އެމެރިކާއިން 3309 މީހުން މަރުވި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ކޮވިޑް-19 ޖެހިގެން މިހާތަނަށް، އެއް ގައުމަކުން އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރެކޯޑް ކުރި ފަހަރު ކަން ފާހަގަން ކުރަން ޖެހެއެވެ.