އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޑެޓާ މެންޗެސްޓާ ސިޓީ ކުޅުނު މެޗު ނުވަތަ މެންޗެސްޓާ ޑާބީ 0-0 އަކުން އެއްވަރުވެއްޖެއެވެ.

މީގެ ކުރިން މިދެޓީމު ވާދަކުރި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު ރޭގެ މެޗުގައި ދެ ޓީމަށް ވެސް މާގިނަ ފުރުސަތުތަކެއް އުފެއްދިފައެއް ނުވެއެވެ. ރީތި ކުޅުމެއް ވެސް މި މެޗުން ފެނިގެން ގޮސްފައި ނުވާ އިރު ކޮމެންޓޭޓަރުން ބުނީ މިއީ ފަހުގެ ތާރީޙެއްގައި ފެނިގެން ދިޔަ އެންމެ 'ފޫހި' މެންޗެސްޓާ ޑާބީ ކަމަށެވެ.

އެހެން ނަމަވެސް ޔުނައިޑެޓްގެ ކޯޗު އޮލެ ގުނަ ޝޮލްސްކިޔާ ބުނީ ރޭގެ މެޗަކީ އޭނަ ޓީމާ ހަވާލުވި ފަހުން ސިޓީއާ ދެކޮޅަށް އޭނާގެ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކި މެޗު ކަމަށެވެ. އޭނާ ބުނީ ޓީމު ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ކަމަށާ ޓީމުގެ ކުޅުމުގެ އެބައި ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށެވެ. ޝޮލްސްކިޔާ ބުނީ އޭނާގެ ޓީމުން މެޗުގައި ޑިފެންޑް ކުރި ގޮތާ މެޗު ވަރަށް ހިތް ހަމަޖެހޭ ކަމަށާ ދެ ޓީމުން ވެސް 0-0 ގެ ނަތީޖާއަކާ މެދު ހިތްހަމަޖެހޭނެ ކަމަށެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ބުނީ ރޭގެ މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓަކީ މުހިއްމު އެއް ޕޮއިންޓް ކަމަށާ ކުރިއަށް އޮތްތަނުގައި މި ޕޮއިންޓްގެ މުހިއްމުކަން ފެނިގެންދާނެ ކަމަށެވެ. އޭނާގެ ޓީމަށް ދެތިން ރަނގަޅު ފުރުސަތު އުފެއްދުނު ކަމަށާ ޔުނައިޑެޓް ކަހަލަ ޓީމަކާ ދެކޮޅު މާގިނަ ފުރުސަތުތަކެއް ނުއުފެއްދޭނެ ކަމަށެވެ.

ރޭގެ މެޗުން އެއްވަރުވެ ދެ ޓީމަށް ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ 20 ޕޮއިންޓާއެކު ތާވާލުގެ އަށްވަނައިގައެވެ. އަދި ސިޓީ އޮތީ އެއް ޕޮއިންޓް ދަށުގައި ނުވަ ވަނައިގައެވެ.