އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ އެވަޓަން ވާދަކުރި މެޗު 0-1 އަކުން އެވަޓަން ކާމިޔާބުކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު ބެލުމަށް ދެ ހާސް ސަޕޯޓަރުން ވަންނަން ހުއްދަ ދިން އިރު މިއީ މިސީޒަންގައި އެޓީމުގެ ދަނޑަށް ސަޕޯޓަރުން ވެއްދި ފުރަތަމަ ފަހަރެވެ.
އެވަޓަންގެ ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމުން ޗެލްސީގެ މައްޗަށް ހޯދި ކާމިޔާބީގައި ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހާ ދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ގުލްފީ ސިގަޑްސަންއެވެ.
މެޗުގެ 22 ވަނަ މިނެޓްގައި ލިބުނު މި ޕެނަލްޓީއަކީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އެވަޓަންގެ ފޯވަޑް ޑޮމިނިކް ކެލްވެޓް ލުވީންއަށް ކުރި ފައުލެއްގެ ސަބަބުން އެވަޓަންއަށް ދިން ޕެނަލްޓީއެކެވެ.
އެލަނޑަށް ފަހު ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މުހިއްމު ތިން ސޭވެއް ކޮށްފައެވެ. މެޗުގައި ގިނަ ފުރުސަތުތައް ލިބުނީ ޗެލްސީއަށް ނަމަވެސް ލީޑު ފުޅާކުރާނެ ގިނަ ހަމަލާތައް އެވަޓަންއިން ވެސް އުފެއްދިއެވެ.
މި މެޗުން ބަލިވުމުން ޗެލްސީއަށް މިވަނީ ތާވާލުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް ވައްޓާލުމަށް ފަހު އެޖާގަ ހޯދުމަށް ލިބުނު ފުރުސަތު މިހާރަށް ގެއްލިފައެވެ. ޗެލްސީ މިވަގުތު އޮތީ 12 މެޗު ކުޅެ 22 ޕޮއިންޓް ހޯދައިގެން ތާވާލުގެ ތިން ވަނައިގައެވެ.
ރޭގެ މެޗުން އެވަޓަންއަށް ލިބުނު މޮޅަކީ އެޓީމުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ލިބުނު ފުރަތަމަ މޮޅެވެ. އެވަޓަންގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ މެޗުން މޮޅުވުމުގެ ސިއްރަކީ ދަނޑުގައި ތިބި ދެ ހާހެއްހާ ސަޕޯޓަރުން ކަމަށާ ސަޕޯޓަރުންނާ އެކު މުޅި ދަނޑުގެ މާހައުލު ބަދަލުވެގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ގިނަ ސަޕޯޓަރުންނަށް މެޗުތައް ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެންޗެލޯޓީ ބުންޏެވެ. ރޭގެ މެޗުން މޮޅުވެ އެވަޓަން މިހާރު ވަނީ ތާވާލުގެ ހަތް ވަނަ އަށް ޖެހިލާފައެވެ.