ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިމަހުހެ 26 ވަނަ ދުވަހު ކޮމާޝަލް އަދި ޗާޓަރު ފްލައިޓް އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިފައި ވާ ކަމަށް، ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހާމަކޮށްފިއެވެ.

ލަންކާގެ ސިވިލް އޭވިއޭޝަނުން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެގައުމުގެ ވައިގެ އުދުހުންތަކުގެ ރެގިއުލޭޓަރުގެ ހައިސިއްޔަތުން، މިހާލަތުގައި ދަތުރު ކުރުމަށް ހާއްސަ ގަވައިދުތަކާ އުސޫލުތަކެއް އެ އިދާރާއިން އާންމު ކުރާނެ ކަމަށެވެ.

ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވާ، މާކެޓް ކުރުމަށް އެ އިދާރާ އޮތީ ތައްޔާރަށް ކަމަށްވެސް އެ އިދާރާގެ ޗެއާމަން އުޕުލް ދަރުމަދާސާ ސޮއި ކުރައްވާ، ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑް-19ގެ ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދުކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސް، ލަންކާގެ ބޯޑަރު ހުޅުވާ، ފަތުރުވެރިންނަށް މަރުހަބާ ކިއުމުގެ ފުރުސަތަށް އެންމެ ހަރު އަޑުން އެ ގައުމުގައި ވަކާލާތު ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މޭސްތިރިންނެވެ.

ކަން މިހެން އޮތް އިރު، ލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ، ލަންކާ އަލުން ހުޅުވާއިރު ފުރަތަމަ އެންމެ އިސް ކަމެއް ދޭނީ، ކުޑަ މުއްދަތެއްގައި ބޮޑު ހަރަދު ކުރާ ފަތުރުވެރިންނަށް ކަން ދޭހަވާފަދަ އިޝާރާތެއް ކުރައްވާފައެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ގައުމުގެ އިތުރުން، ފަތުރުވެރި ދިވެހިންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ.