ލޮނުޒިޔާރަތް ޕާކު ހުޅުވިި ފަހުން މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ވަދެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ލޮނުޒިޔާރަތް ޕާކު ރަސްމީކޮށް ހުޅުވާފައި ވަނީ މިއަހަރުގެ ޖުމްހޫރި ދުވަހާ ގުޅުވައިގެން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އިއްޔެ ޕާކު ހުޅުވިތާ އެއް މަސް ފުރިފައިވާއިރު ސިޓީ ކައުންސިލުން ބުނީ އިއްޔެ ޕާކަށް 50،000 ވަނަ މީހާ ޒިޔާރާތްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕާކަށް ޒިޔާރަތްކުރި 50،000 ވަނަ މީހާއަކީ ގ. ހިމުސް ހައްވާ އާދަމް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެ އާއިލާއަށް މަރުހަބާ ކިާފައިވަނީ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އާއި ކައުންސިލްގެ މެންބަރު އަހްމަދު ޒަމީރެވެ.

ސިޓީ ކައުސިލުން ވަނީ މަރުހަބާ ކިޔުމުގެ ގޮތުން ތަފާތު ވައްތަރުގެ ގަސް ހަދިޔާކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ލޮނުޒިޔާރަތް ޕާކު ހުޅުވާނީ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ކަމަށެވެ. އަދި ހަވީރު 4:30 ން ރޭގަނޑު 9:30 އަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިގައި ޕާކު ތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް، އުޅެންވާނީ ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކް އަޅައިގެން ކަމަށާއި، ޕާކަށް ޒިޔާރަތް ކުރާ އެންމެހައި ފަރާތްތަކުން، ޕާކުތެރޭގައި އުޅޭއިރު، އެކަކު އަނެކަކާ ދެމެދު 3 ފޫޓު ދުރުމިން (އިޖްތިމާއީ ގައިދުރުކަން) އަބަދުވެސް ބަހައްޓަވަންވާނެ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން ހުން އައިސް، ކެއްސައި، ކިނބިހި އެޅުމުގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ، ޕާކަށް ޒިޔާރާތް ނުކުރުމުގެ އިތުރުން ޕާކު ތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައި ވެސް، ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތްސާފުކުރުމަށް ވެސް އެ ގައުޑްލައިނުގައިވެއެވެ.

ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެޕާކު ތަރައްގީ ކޮށްފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ.

އެ ޕާކުގައި ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނެއެވެ. މީގެ އިތުރުން 300 އަށްވުރެ ގިނަ ބެންޗާއި، ދުވާ ޓްރެކްއަކާއި ބައިސްކަލު ދުއްވޭ ލޭނެއްވެސް އެޕާކުގައި ހިމެނެއެވެ.