ކުރިއަށް އޮތް ރޯދަ މަހު މާލެ ސިޓީގެ ޕާކުތައް ހުޅުވާ ގަޑިތައް މާލެ ސިޓީ ކައުންސިލުން އާންމު ކޮށްފިއެވެ.
މާލެ ސިޓި ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނީ ވަކި ވަގުތެއް ކަނޑައަޅައިގެން ހުޅުވާފައި ބަހައްޓާނީ ސަލްޓަން ޕާކާއި ލޮނު ޒިޔާރަތް ޕާކު އެކަނި ކަމަށެވެ. އަދި އެ ނޫން ޕާކުތަކާއި މައިޒާންތައް ކުރިއެކޭ ވެސް އެއްފަދައިން އާންމުކޮށް ހުޅުވާފައި ބަހައްޓާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
ލޮނު ޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާފައި ބަހައްޓަން ނިންމާފައި ވަނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 5:45 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، މާލޭ ސިޓީގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ދިނުމުގެ ގޮތުން މާލޭސިޓީ ކައުންސިލުން ތަރައްގީކޮށް ބަލަހައްޓަމުން ގެންދާ ޕާކުތަކާއި މައިޒާންތައް 1442 ވަނަ އަހަރުގެ ރޯދަ މަހާ އެއްގޮތަށް ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވެސް ހުޅުވާނީ އެއް ގަޑިއެއްގައި ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތައް ދަނީ ދޭތެރެ ދޭތެރެއިން ބަންދު ކުރަމުންނެވެ. އެގޮތުން، ކޮވިޑުން ރައްކާތެރިވުމަށް ޕާކުތަކާއި މައިޒާންތައް ބަންދު ކޮށްފައި ހުރުމަށްފަހު އަލުން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.