ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާ ގަޑިތަކައް ބަދަލު ގެނެސްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހެނދުނު ދަންފަޅީގައި ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ފެށިގެން 8:30 އާ ހަމައަށް ކަމަށެވެ. އަދި ހަވީރު ދަންފަޅީގައި ހުޅުވާފައި ހުންނާނީ ހަވީރު 4:30 އިން ފެށިގެން 8:30 އާ ހަމައަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ޕާކުތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައި ވާތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން މި މަސް ފެށުނު އިރު ކޮވިޑް ކޭސްތަކުގެ އަދަދު ބޮޑުތަނުން ދަށްވުމަށްފަހު ކުއްލިއަކަށް މަތިވެ، ފާއިތުވި ހަފްތާ ތެރޭގައި ކޭސްތައް ރިޕޯޓް ކުރަމުން ދިޔައީ ދުވާލަކަށް 100 އިން މަތީގެ އަދަދު ތަކުންނެވެ.
ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކް ކުރިން ހުޅުވާ ގަޑިތަކަކީ، ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެއަދި ހަވީރު 4:30 ން ރޭގަނޑު 9:30 އަށެވެ.
އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު 11 ވަނަ ދުވަހުއެވެ. ސިނަމާލެ ބްރިޖް ކައިރިން، ލޮނުޒިޔާރަތް ޕާކު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެޕާކު ތަރައްގީ ކޮށްފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ.
އެ ޕާކުގައި ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނެއެވެ. މީގެ އިތުރުން 300 އަށްވުރެ ގިނަ ބެންޗާއި، ދުވާ ޓްރެކްއަކާއި ބައިސްކަލު ދުއްވޭ ލޭނެއްވެސް އެޕާކުގައި ހިމެނެއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ހުންނަ ސަލްޓަން ޕާކު މިދިޔަ މާޗު މަހު ބަންދު ކުރުމަށް ފަހު އާންމުންނަށް ހުޅުވީ ނުވަ މަހަށް ފަހު، މިދިޔަ ޑިސެމްބަރު މަހެވެ.