ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވާ މީހުން ވަޅުލުމަށް ހާއްސަ ޝަރުތުތަކެއް ހަމަވާ ބިމެއް ހޯދުމަށް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވައިފިއެވެ.

އެގޮތުން އިންތިހާއަށް ހަނަފަސް އަދި ފެންފަށަލަ އިންތިހާއަށް ފުނުގައި އޮންނަ ބިމުގެ ސަރަހައްދެއް ހޯދުމަށާ، ބިން ހޯދުމުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދު ހޯދުމަށްވެސް ރާޖަޕަކްސަ ވަނީ އަންގަވާފައެވެ.

ރާޖަޕަކްސަ މިފަދަ އިރުޝާދެއް ދެއްވާފައި ވަނީ، ކޮވިޑް-19ގައި ލަންކާއިން މަރުވާ މީހުންގެ ހަށިގަނޑާ މެދު އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޮޑުވަޒީރު ރަސްމީ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.

ސްރީލަންކާގެ ސިއްހީ ތަޖުރިބާކާރުން ބޮޑުވަޒީރަށް ވިދާޅުވީ، ކޮވިޑް-19ގައި މަރުވާ ޕޭޝަންޓުންގެ ހަށިގަނޑުގައި 36 ދުވަހަށް ވައިރަހުގެ އަސަރު ހުންނާނެ ކަމަށެވެ. މިފަދަ ރޫހެއްގައި ބޮޑުވަޒީރަށް މައުލޫމާތު އަރުވާފައި ވާ އިރު، ރާޖަޕަކްސަ ވަނީ، ދީނީ ގަބޫލުކުރުންތަކެއްގެ ސަބަބުން، އަނެކާގެ ސިއްހަތު، ނުރައްކަލަށް ހުށަނޭޅެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލަނީ އަންދާލައިގެންނެވެ. ނަމަވެސް މިއީ މުސްލިމުންގެ އަގީދާއާ ހިލާފު ކަމެއް ކަމުން، މިކަމުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ކަން މިހެން އޮތް އިރު، ބޮޑުވަޒީރު ވަނީ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މުސްލިމު މެމްބަރުންގެ އެއްބާރުލެއްވުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 30613 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 146 އަށް ވަނީ އަރާފައެވެ.