ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ އަދި އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާޖިންއަށް މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވީ "ސަޕްރައިޒެއް" ކަމަށް އޭނާ ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ސާޖިން ބުނީ، މަސްވެރިންގެ ދުވަހު އޭނާ އެދުނު އެންމެ ބޮޑު އެއްކަމަކީ ރައީސް ސޯލިހާ ފޯނުން ގުޅައިގެން ހިތުގެ ޝުއޫރުތައް ފާޅުކުރުން ކަމަށެވެ. މަސްވެރިންގެ ދުވަހާ ގުޅިގެން އޭނާ އެފަދަ ޓްވީޓެއް ކުރިއިރު، ރައީސް ސޯލިހް އޭނާއަށް ގުޅުއްވާނެ ކަމަށް ހީ ވެސް ނުކުރާ ކަމަށް ސާޖިން ބުނެއެވެ.

ރޭގެ 11:15 ހާއިރު ރައީސް އޭނާއަށް ގުޅުއްވުމުން ވަރަށް ބޮޑަށް ހައިރާންވިކަމަށް އޭނާ ބުނެއެވެ. އޭނާގެ ހިތުގެ ޝުއޫރުތައް ހިއްސާކުރަން ބޭނުންވެފައި ހުރި ނަމަވެސް ފުރަތަމަ އެ ކޯލަށް ވާހަކަ ދެއްކި އިރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ފަސްޖެހޭ ގޮތް ވެފައި ކަމަށް ސާޖިން ބުނެއެވެ. އެހެން ނަމަވެސް ރައީސް ވާހަކަ ދައްކަވަން ފެއްޓެވުމުން އޭނާގެ ހާސްކަން އެއްފަރާތް ކޮށްލައި ވާހަކަ ދައްކަން ފަސޭހަ ވެގެން ދިޔަ ކަަން ފާހަގަކުރަމުން ސާޖިން ބުނީ، ރައީސް ސޯލިހް އޭނާއާ ވާހަކަ ދެއްކެވީ ގާތް ރަހްމަތްތެރިއެއް ފަދައިން ވަރަށް ލޯތްބާ އޯގާތެރިކަމާ އެކުގައި ކަމަށެވެ.

ގާތްގަނޑަކަށް 30 މިނިޓުގެ ދިގު ކޯލަކަށް ރައީސްއާ އެކު ވާހަކަ ދައްކާލެވުނުކަމަށާއި އެކޯލުގައި ގިނަ ވާހަކަ ތަކެއް ހިއްސާ ކުރެވުނު ކަމަށް ސާޖިން ބުނެއެވެ. އެގޮތުން މަސްވެރިކަމުގެ ތެރެއަށް އޭނާގެ ޝައުގުވެރިކަން ދިޔަ ގޮތާއި އެކަން ޕްމޯޓްކުރަން އޭނާ ކުރި މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށް އޭނާ ބުނެއެވެ. އަދި މިހާރު މަސްވެިރންނަށް ދިމާވާ ދަތިތަކާއި މަސައްކަތުގައި މަސްވެރިންނަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުގެ ވާހަކަ އޭނާ ހިއްސާކުރިއެވެ.

"ވަރަށް އުފާވި ރައީސް ގުޅުއްވީމަ، އަދި އެންމެ އުފާވީ، އަޅުގަނޑަށް ވަގުތު ދިނުމަށް ވަގުތު ހުސްކުރައްވައިގެން ގުޅުއްވައި ވާހަކަ ދައްކަން ބޭނުން އިރަކު އަޅުގަނޑު ވާހަކަ ދައްކަންވީ ކަމަށް ރައީސް ވިދާޅުވީމަ. އަޅުގަނޑު މިއަދު ރައީސަށް ގުޅަން ބޭނުން ކަމަށް ބުނެ ޓްވީޓް ކުރި އިރަކު ހިތަކަށް ވެސް ނާރާ ރައީސް އަޅުގަނޑަށް މިހާ ބޮޑު ސަޕްރައިޒެއް ދެއްވާނެއެކޭ. ވަރަށް އުފާވެއްޖެ. ހާއްސަކޮށް އަޅުގަނޑުގެ ހިތުގެ ޝުއޫރުތައް ފާޅުކުރެވުނީ."
ހަސަން ސާޖިން- ޒުވާން މަސްވެރިޔާ

އެ ހުރިހާ ވާހަކަތަކެއް ރައީސް އަޑުއެއްސެވި ކަމަށާއި އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މަސްވެިރންގެ ޝަކުވާތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ލުއިތައް ލިބިގެންދާނެ އެކި ކަންކަން ކުރާން ކަމުގެ އުންމީދު އެމަނިކުފާނު އާ ކޮށްދެއްވިކަމަށް ސާޖިން ބުނެއެވެ.

މީގެ އިތުރުން ޒުވާން މަސްވެރިޔާ ނަގާ ފޮޓޯތަކާ ގުޅޭ ގޮތުންނާއި ފޮޓޯ ނަގަން ބޭނުން ކުރާ ކެމެރާއާ ގުޅޭގޮތުން ރައީސް ސުވާލު ކުރެއްވިކަމަށް ސާޖިން ބުނެއެވެ. ފޮޓޯ ނަގަން 3 ކެމެރާއެއް ސާޖިން ބޭނުން ކުރާ ކަމަށާއި އެއީ ސޮނީ އޭސެވަން ޓޫއާއި، އޮސްމޯ ޕޮކެޓަކާއި، ގޯ ޕްރޯއެއް ކަމަށް ބުނެއެވެ.

ރައީސްއަކީ ވެސް ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީވެސް ކެމެރާއަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި ކަމަށް ވެސް ސާޖިން ބުނެއެވެ. އަދި ކެމެރާ އާ ބެހޭ ގޮތުން ރައީސްގެ ހިޔާލުފުޅުވެސް ހިއްސާކުރެއްވި ކަމަށާއި، އެއީ އޭނާއަށް ލިބުނު އަގު ހުރި މައުލޫމާތެއް ކަމަށް ސާޖިން ބުނެއެވެ.

ޒުވާން މަސްވެރިޔާ ސާޖިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: ޓުވިޓާ

30 މިނިޓުގެ އެ ވަގުތުކޮޅު ރައީސް ދެއްވީތީ އެކަމާ ސާޖިން ހުރި ވަރަށް އުފަލުން ކަމަށާއި އެކަމަށް އޭނާ ޝުކުރު ދަންނަވާ ކަމަށް ބުނެއެވެ. ރައީސް ކުރައްވަން ހުރި ހުރިހާ މަސައްކަތްޕުޅުތައް ނިންމާވާ ލެއްވުމަށްފަހު އޭނާއަށް ގުޅުއްވި ކަމަށާއި ސާޖިން ބޭނުން އިރެއް ވަންދެން ވާހަކަ ދައްކަން ވީ ކަަމަށް ރައީސް ވިދާޅުވުމުން ސާޖިން ވަރަށް އުފާވި ކަމަށް އޭނާ ބުނެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން އިއްޔެ ސާޖިން ކުރި ޓްވީޓެއްގައި ބުނީ، މަސްވެރިކަން ޕްރޮމޯޓްކުރަން ކެމެރާ ނަގައިގެން އުޅޭތާ 6 އަހަރު ވެފައިވާ ކަމަށެވެ. އެ ދުވަހާ ގުޅިގެން އޭނާ އެންމެ ބޭނުން ވަނީ ރައީސް ސޯލިހަށް ގުޅައިގެން އޭނާގެ ހިތުގެ ޝުއޫރުތައް ހިއްސާކޮށްލަށް ކަމަށް ބުނެފައި ވެއެވެ. އެ ޓްވީޓް ސާޖިން ކޮށްފައި ވަނީ އިއްޔެގެ ހެނދުނު 7:55 ގައެވެ.

އުމުރުން 22 އަހަރުގެ ސާޖިން އަކީ ގއ. ގެމަނަފުއްޓަށް އުފަން ޒުވާނެކެވެ. ޒުުވާން އުމުރުގައި މަސްވެރިކަމުގެ ދާއިރާއަށް ނުކުމެ، އޭނާ މިހާރު އަންނަނީ މަސްވެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫހު އާލާކުރުމަށް މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ދާއިރާއަށް ޒުވާން އުމުރުގައި މަސްވެރިކަމަށް ނިކުތުމާއެކު، މަސްވެރިކަމުގެ ދާއިރާއަކީ ރަނގަޅު އާމްދަނީއަކާއެކު، އުޖާލާ ކުރިމަގެއް ބިނާ ކުރެވިދާނެ ދާއިރާއެއްކަން އިހުސާސްކުރެވުން ކަމަށް އޭނާ ބުނެއެވެ.