ސަރުކާރުގެ އުންމީދަކީ ކޮވިޑް-19 އިން ދިފާޢުވުމަށް ތައާރަފުކުރަމުންދާ ވެކްސިންތައް ކައިރި މުސްތަގުބަލެއްގައި ބޭނުން ކުރަން ފެށި މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓުތައް ހެދުމުގައި ދިމާވަމުންދާ ދަތި ތަކުން މިންޖުވެ ފަތުރުވެރިންނަށް ދަތުރުފަތުރު ފަހިވެގެން ދިއުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯގެ ފަރާތުން އިންތިޒާމުކުރި "ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ" ގެ 7 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލާ އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ ކުރިއަރާނޭ އަހަރެއް ކަމަށް ލަފާކުރާކަމަށް ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ރޫރަތް ޕޮލޮލިކަޝްވިލީ އާއި ޔޫއެންޑަބްލިއުޓީއޯ އެގްޒެކެޓިވް ކައުންސިލްގެ ޗެއާ ނަޖީބް ބަލާލާއާއި އައިސީސީގެ ސެކްރެޓަރީ ޖެނެރަލް ޖޯން ޑެންޓަން އައިސީއޭއޯގެ ސެކްރެޓަރީ ޖެނެރަލް ފޭން ލިޔުގެ އިތުރުން ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް ޖުމްލަ ހަލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ކޮމިޓީއެކެވެ.