ހޭ ނުނައްތާ ބާވައިގެން ސްރީލަންކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިކުނޑީގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ހަދައިފިއެވެ.

މި ސާޖަރީ ހަދާފައިވަނީ އަނޫރާދަޕޫރާ ޓީޗިންގް ހޮސްޕިޓަލުގައެވެ. މިއީ ސްރީލަންކާގައި ނާރުގެ ބަލިތަކާ ގުޅިގެން މިހާތަނަށް ކުރި އެންމެ ކާމިޔާބު އެއް އޮޕަރޭޝަނެވެ.

"އަވޭކް ކްރޭނިއޯޓޮމީ" އަކީ ސިކުނޑީގެ ކޮގްނިޓިވް ހަރަކާތްތައް ދެމިގެންދާ ގޮތަށް، ސިކުނޑިން ޓިއުމަރު ނެގުމަށް ނިއުރޯސާޖަންސްއަށް ފުރުސަތު ފަހިކުރާ ޓެކްނީކްއެކެވެ.

ވާހަކަ ދައްކާ އުޅުން ފަދަ ސިކުނޑީގެ ކޮގްނިޓިވް ގާބިލިއްޔަތު ކަމާ ގުޅިފައިވާ ހިސާބުތަކުގައި ސާޖަރީ ހަދަންޖެހޭ ހާލަތްތަކުގައި، މިފަދަ މުހިންމު ނާރަކަށް ގެއްލުމެއް ނުވާ ކަން ކަށަވަރު ކުރުމަށް ސާޖަރީ ތެރޭގައިވެސް ޓެސްޓު ކުރަމުން ދާން ޖެހެއެވެ. މިކަން ކުރެވެން އޮންނަނީ ޕޭޝަންޓް ހޭ ލައްވާފައި ބާއްވައިގެންނެވެ. އަދި މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިގެންނެވެ.

ލަންކާގައި ކާމިޔާބު ކަމާއެކު މި ސާޖަރީ ހެދީ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. ސާޖަރީގައި އިސްކޮށް ހުންނެވީ ކޮންސަލްޓަންޓް ނިއުރޯސާޖަން ޑރ މަދޫޝަންކާ ގޯމޭޒްއާއި ޑރ ރޯހާން ޕެރިސްއެވެ.

ސާޖަރީ ކުރިއަށް ގެންގޮސްފައި ވަނީ، ސިކުނޑީގެ ނާށިގަނޑު ނެއްޓި ވަގުތު، ޕޭޝަންޓް ހޭ ނެއްތުމަށްފަހު، ސިކުނޑީގެ ސާޖަރީއާ ހިސާބަށް ދެވުމުން، އެ ޕޭޝަންޓް ހޭ ލައްވާފައި ބާއްވައިގެންނެވެ. މި ގޮތަށް ސާޖަރީ ހެދުމުން ނާރުތަކަށް އެންމެ ގެއްލުން ކުޑަވާ ގޮތަށް ސާޖަރީ ހެދުމުގެ ފުރުސަތު ތަނަވަސް ވުމުގެ އިތުރުން، ސަޖާރީއަށް ފަހު ރިކަވަރީ މަރުހަލާވެސް އަވަސްވެއެވެ.