ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، އާންމު އުސޫލުން ބޭނުން ކުރުމަށް ހުއްދަ ދިނުމާ ބެހޭ މުރާޖާތައް ކުރިއަށް ގެންދާ ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އަށް ސައިބާ ހަމަލާއެއް އަމާޒުވެފައި ވާކަމަށް ހަބަރު ލިބިއްޖެއެވެ.

ސައިބާ ހަމަލާއެއް އަމާޒުވެފައި ވާ ކަން ހާމަކޮށް، އީއެމްއޭއިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަ ކުރެވެން ނެތް ކަމަށާ، ނަމަވެސް ތަހުގީގުތައް ކުރިއަށް ދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަމާ ބެހޭ އިތުރު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އެހެން ކަމުން، ސައިބާ ހަމަލާއާ ގުޅިގެން އެއްވެސް މައުލޫމާތަކަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބުނު ކަން ނުވަތަ ނޫން ކަންވެސް އަދި ސާފެއް ނުވެއެވެ.

ވިލާތުގެ ބޭސްވެރިކަމުގައި މުހިންމު ޒިންމާތަކެއް އަދާ ކުރަމުން އަންނަ އީއެމްއޭއަށް ސައިބާ ހަމަލާ އަމާޒުވެފައި މިވަނީ، ކޮވިޑް-19ގެ ވެކްސިން މަޝްރޫއަށް ހެކަރުންގެ ހަމަލާ އަމާޒުވެދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައި ވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ފައިޒާއާއި ބައޮއެންޓުކުގެ ވެކްސިނާ މެދު ގޮތެއް ނިންމުމަށް ޑިސެމްބަރު 29 ވަނަ ދުވަހުގެ ސުންގަޑި ހަމަޖައްސާފައިވާއިރު، މޮޑާނާގެ ވެކްސިނާ މެދު ޖަނަވަރީ 12 ވަނަ ގޮތެއް ނިންމުމަށް އީއެމްއޭއިންވަނީ ނިންމާފައެވެ.

ވޯލްސްޓްރީޓް ޖާނަލްއިން ރިޕޯޓް ކުރާ ގޮތުގައި، ވެކްސިން ތަރައްގީ ކުރާ ކުންފުނިތަކަށްވެސް ހެކަރުންގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.