ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލިކަމަށް ތުހުމަތު ކުރެވޭ އެކަކުގެ އަތާއި ސޯޓުން ލޭ ފެނުނު ކަމަށް މައްސަލާގައި ސިއްރުން ހެކިބަސް ދިން ހެކިވެރިޔަކު ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިއްރު ހެކިވެރިޔަކު ބުނީ ހެކިވެރިޔާއަށް ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގޭގެ ތެރެއިން ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރު ޒިޔަދަމް މަރާލިކަމަށް ތުހުމަތު ކުރެވޭ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫންގެ ސޯޓާއި އަތުގައި ލޭ ހުރިތަން ފެނުނު ކަމަށެވެ.

މައްސަލާގައި ތުހުމަތު ކުރެވޭ ލ. މުންޑޫ، ބީޗްވިލާ އަލީ ސިފާމްގެ ވަކީލު ސިއްރު ހެކިވެރިޔާއަށް ކުރި ސުވާލަކާއި ގުޅިގެން ހެކިވެރިޔާ ބުނީ އަލީ ސިފާމުގެ އަތުން އެއްވެސް ތޫނު ހަތިޔާރެއް އޭނާއަށް ނުފެންނަ ކަމަށައި ނަމަވެސް ފެހި ކުލައިގެ މުގުރުބުރިއެއް ފެނުނު ކަމަށެވެ.

ޒިޔަދަމް އޮތީ އައިސްއަލަމާރިއާ ދޮރާދޭތެރޭ ވެއްޓިފައި. މުޅި ގައިގައި އޮތީ ލޭ. އަލީ ސިފާމުގެ އަތުން އެއްވެސް ތޫނު ހަތިޔާރެއް ނުފެނޭ، ނަމަވެސް ފެހި ކުލައިގެ މުގުރުބުރިއެއް ފެނުނު. އަދި ޝަނޫނުގެ ސޯޓުގައި އަދި އަތުގައި ލޭ ހުރިތަން ފެނުނު،
ހެކިވެރިޔާ

މީގެ އިތުރުން ހެކިވެރިޔާ ބުނީ ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށާއި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުން ކަން އެނގޭ ކަމަށެވެ.

ހެކިވެރިޔާއަށް ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގޭގެ ތެރެއިން ކަމަށާއި އެގޭގެ ބަދިގެއިން ނަގައިގެން ސިއްހީ މަރުކަޒާއި ހަމައަށް ގެންދިޔައިރުވެސް މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ އެތަނުގައި ވަރަށް އަޑުގަދަކޮށް ހެދި ކަމަށްވެސް ހެކިވެރިޔާ ބުނެއެވެ.

އަލީ ޒިޔަދަމް، މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފައެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭރު ޑޮކްޓަރު ވަނީ ބުނެފައެވެ.

2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ލ. މުންޑޫ، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.