ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިޔަތު އަދާކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި، އިތުރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނާއެކު މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މަޝްވަރާތައް ކުރިއަށްދިޔައީ، މިއަދު ރައީސްގެ އޮފީހުގައި ބޭއްވި ސަރުކާރާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގެ 2020 ވަނަ އަހަރުގެ ތިންވަނަ ބައްދަލުކުރެއްވުމުގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއްގެ ގޮތުން މަޝްވަރާކުރައްވާފައި ވަނީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިއްހީ ގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވުމާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ހާލަތްތަކާއި، މުވައްޒަފެއްގެ އާއިލާގެ މެންބަރަކަށް ކުރިމަތިވާ ސިއްހީ ހާލަތެއްގައި އެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކާ އެއްކިބާވާންޖެހޭ ހާލަތްތަކުގައި، އެފަދަ މުވައްޒަފުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.
އެގޮތުން މުސާރައާއި އިނާޔަތްތައް ލިބޭނެ ގޮތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭ ދުވަހުގެ އަދަދު އިތުރުކޮށްދިނުމަށް ސިވިލް ސާވިސްގެ ގަވައިދަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން، އެ ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާއި، މުޖުތަމައުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބާކީވިޔަ ނުދީ، އެ ފަރާތްތަކަށް ވެސް ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމާ ގުޅޭ ގޮތުން އެ ބައްދަލުކުރެއްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސިވިލް ސާވިސް ކޮމިޝަނާއި، ސިވިލް ސާވިސްގެ މުވައްޒަފުން ކުރަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި، ސިވިލް ސާވިސްގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ، ސިވިލް ސާވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމި ތިބުމަށް އެ ކޮމިޝަނުގެ މެންބަރުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގައި ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ސާވިސްގެ މުވައްޒަފުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމާއި، ސިވިލް ސާވިސްގެ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، އެ ގޮތުން ހިންގާ ތަމްރީނުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ނައިބް ރައީސާ ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން، ސިވިލް ސާވިސްއަކީ ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ތަނަށް ހެދުމާއި، ހިދުމަތުގެ ފެންވަރު މަތިކޮށް، އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އެ ބޭފުޅުން ވަނީ ނައިބް ރައީސާ ހިއްސާ ކުރެއްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓާ އޮފް އެޑިއުކޭޝަން ޑޮކްޓަރު އާއިޝަތު އަލީއާއި، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހްމަދު ސަމީރާއި، ރައީސްގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރު މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.