ކައުންސިލްގެ އިންތިހާބުގައި ރިޝްވަތުގެ މުއާމަލާތްތައް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމި އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން ޝިއުނާ ދެއްވި ހިތާބެއްގައި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އޭސީސީގެ އަމާޒަކީ ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހުއްޓުވާ ގާނޫނީ އިމުގެ ތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ކަމަށެވެ.

އެކަމާމެދު ކެނޑިޑޭޓުންނާއި ވޯޓު ދޭން ތިބި އާންމު މީހާ ވެސް ސަމާލުވުމަށް ޝިއުނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަޅުގަނޑުގެ ދުއާއަކީ، ދިވެހި މުޖުތަމައަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ތިބި މުޖުތަމައެއް ކަމުގައި ލައްވާ، އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުމެވެ. ކޮރަޕްޝަނާ ދެކޮޅަށް ގައުމީ އަދި ފަރުދީ ލެވެލްގައި ކުރެވޭ މަސައްކަތުގައި ބަރަކާތްލައްވާ، އެ މަސައްކަތް ކާމިޔާބު ކުރުމުގެ ހެޔޮ ތައުފީގު މާތް ﷲ މިންވަރު ކޮށްދެއްވުމެވެ.
އޭސީސީ ގެ ރައީސް މަރިޔަމް ޝިއުނާ

މިއަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރު ވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައި ވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

މިހާރު ކައުންސިލް އިންތިހާބުގައި ވާދަކުރަން ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާނީ 1،779 ކެނޑިޑޭޓުންނެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު އަންނަނީ އަންނަ އަހަރުގެ މާޗު ހަ ވަނަ ދުވަހު އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އީސީއިން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށް ވެސް އީސީން ބުނެއެވެ.