ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީ އިން އުސޫލަށް ބަދަލު ގެނެސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުގައި ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން، ފަތުރުވެރި ކަމަށް ރަށް ހުޅުވާލުމާ މެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމަށް މިނިސްޓްރީ އަށް ހުށަހަޅަން ނުޖެހޭނެ ކަމަށް ކަނޑައަޅާފައި ވާ ކަމަށެވެ.

އެގޮތުން އެ އުސޫލަށް އަމަލު ކުރަން ނިންމާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެ އުސޫލަށް ބަދަލު ގެނެވުނު ކަމުގައި ވީނަމަވެސް ފަތުރުވެރި ކަމުގެ ހިދުމަތް ދޭ ތަންތަނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެފަދަ ތަންތަނުގައި އަމަލު ކުރަން ވާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އެކުލަވާލައި އާންމު ކޮށްފައި ވާ ގައިޑްލައިން ތަކާ އެއްގޮތަށް ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމްގެ ދާއިރާ މެދުކަނޑާލިއެވެ. ނަމަވެސް އަލުން ބޯޑަރު ހުޅުވާ ފަތުރުވެރި ކަމަށް ރާއްޖެ ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

އެއަށް ފަހު މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހު މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސް ތައް ފިޔަވައި އެހެން ގެސްޓްހައުސްތައް އޮޕަރޭޓް ކުރަން ހުއްދަ ވަނީ ދީފައެވެ. އަދި މާލެ ސަރަހައްދުގައި ހުރި ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ މި މަހުގެ 14 ވަނަ ދުވަހު ދޭން މިހާރު ވަނީ ނިންމަފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، 136 ރިސޯޓެއް ހުޅުވާ، ވަނީ ހިންގަން ފަށާފައެވެ. ޔޮޓް މެރީނާ ރިސޯޓުގެ ގޮތުގައި 2 ރަށެއް ހިންގަމުން ދާއިރު 5 ރަށެއްގައި ވަނީ ޓޫރިސްޓް ހޮޓާ ހުޅުވާފައެވެ. ޓޫރިސްޓް ވެސަލްސް ގެ ގޮތުގައި 124 އުޅަނދު އޮޕަރޭޓް ކުރަމުން ދާއިރު 135 ގެސްޓްހައުސް މިހާތަނަށް ވަނީ ހުޅުވާފައެވެ.