"ހިޔާ މަޝްރޫއު" ގެ ހަތް ކެޓަގަރީއަކުން "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދިނުމަށް ފްލެޓް ކޮމިޓީއިން އެކުލަވާލާފައިވާ މިންގަނޑު އާންމުކޮށްފިއެވެ.

އެ ކޮމިޓީން އާންމުކުރައްވާފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ހާއްސަ މިންގަނޑެއް އެކުލަވައިލައްވާފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަންނީ ލަފަޔާއެކު ކަމަށެވެ.

ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މައުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށްވެސް އެ އިއުލާނުގައި ބުނެއެވެ.

އަދި، މިހާރު އާންމުކޮށްފައި ވަނީ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، ވަގުތީ ލިސްޓުތައް އިއުލާނުކޮށްފައިވާ ކެޓެގަރީތަކުގެ މިންގަނޑާ ގުޅޭ މަުލޫމާތު ކަމަށްވެސް އެ ކޮމެޓީގެ ބަޔާނުގައި ވެއެވެ.

އެ ގޮތުން، ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު ޢާންމުކުރައްވާފައިވާ ކެޓެގަރީތަކަކީ:

  • H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީ
  • H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީ
  • H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީ
  • H7 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
  • H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީ
  • H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
  • H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ހާއްސަ) ކެޓަގަރީ

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ޢާންމުކުރައްވާފައިވާ މިންގަނޑުތައް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ މިންގަނޑާގުޅޭ" އިއުލާން ކޮށްފައިވާއިރު، އެ މިންގަނޑު އާންމުކޮށްފައި މިވަނީ، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތް ސާފުނުވާ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.