ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ އުސޫލުން ދިވެހިންގެ ލޭނާރާ ގުޅިފައިވާ މަސްވެރިކަން ޕްރޮމޯޓް ކުރަންޖެހޭ ކަމަށާއި ބޮޑު ކަންނެލީގެ މަސްވެރިކަން ބޭރުގެ މާކެޓްތަކަށް ޕްރޮމޯޓު ކުރަންޖެހޭ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ޔޫނިއަނުން ބުނީ، ރާއްޖޭގައި ފެކްޓްރީތައް މަދުވުމުން މަސް ގަންނާނެ މާގިނަ ބަޔަކު ނެތުމުން ގިނަ ބަޔަރުން ހޯދުމަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ އުސޫލުން ރާއްޖޭގެ މަސްވެރިކަން ވެސް ޕްރޮމޯޓް ކުރަންޖެހޭ ކަމަށެވެ. އަހަރެއްގެ މައްޗަށް މަސްވެރިކަން ކުރާ ދޯނި ފަހަރު ގިނަވަމުން އަންނަ އިރު މަސް ގަންނާނެ ތަންތަން ބޭނުންވާ ކަމަށް އެ ފަރާތުން ބުނެއެވެ.
މިހާރު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކަންނެލީގެ އަގު ކަމަށް އެ ޔޫނިއަނުން ބުނެއެވެ. ހާލަތު އޮތް ގޮތް ގަބޫލު ކުރާ ކަމަށާއި މިވީހާ ތަނަށް އައި އިރު މަސްވެރިންނަށް ކަމެއް ކޮށްދިނުމަށް ކުރާ ކަންކަމަކީ "ބެނާއެއްގައި ޖަހާލައިގެން" ސިޔާސީ ބޭނުމަކަށް ކުރާ ކަންކަން ކަމަށް އެ ޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ.
އެންމެ ކަންނެލި ފެކްޓްރީއަކުން ރިސޯޓުން ނުވަންނަ ވަަރަށް ސަރުކާރަށް ޑޮލަރު ވަންނަ ކަމަށް ނޫހެއްގައި ޖަހާފައިވާ ކަން ފާހަގަކުރަމުން އެ ޔޫނިއަނުން ވަނީ ސަރުކާރުން ބޮޑު ކަންނެލި ނުގަންނަންވީ ކީއްވެގެންތޯ އަހާފައެވެ. ކަންނެލި މަސްވެރިކަމުން ފައިދާ ވާކަންވެސް އެނގޭ ކަމަށާއި ރުފިޔާ ލިބޭކަންވެސް އެނގޭއިރު އެކަން އެގޮތަށް ނުކުރަންވީ ސަބަބު ދެނެގަންނަ ބޭނުންވާ ކަމަށް އެ ޔޫނިއަނުން ބުނެއެވެ. މިވަގުތު މަދު ފެކްޓްރީތަކެއް ރާއްޖޭގައި ހުރި އިރު މިފްކޯއިން ތިބީ ކަނޑުމަހަށް ބަރޯސާ ވެގެން ކަމަށް ވެސް އެ ޔޫނިއަނުން ބުނެއެވެ.
ބޮޑުކަންނެލި މަސްވެރިން ޔޫނިއަނުން ކަންނެލި މަސްވެރިންގެ ހައްގުގައި އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ބައްދަލުކޮށް ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އަދި ކަންނެލި މަސްވެރިންގެ ހައްގުގައި އެ ޔޫނިއަނުން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަޑުއުފުލަމުންނެވެ.
މިގޮތުން ދާދި ފަހުން އެ ޔޫނިއަނުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި ބޮޑު ކަންނެލީގެ މަސްވެރިންނަށް އެކަށީގެންވާ އަގު ނުލިބުމުގެ ޝަކުވާއާއި، މާލޭގެ ބަނދަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށާއި، އެ މަސްވެރިންނަަށް ސަރުކާރުގެ މުވައްޒަފުންނަށް ލިބޭ ފަދަ ސްކީމްތައް ނުލިބުމުގެ ޝަކުވާއާއި، ސަރުކާރު ކުންފުނިތަކުން ބޮޑު ކަންނެލި ގަތުމަށް ނުވަތަ އެފަދަ ކުންފުންޏެއް އުފެއްދުމަށާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ބޭރުގެ މާކެޓްތަކަށް ޕްރޮމޯޓު ކުރުން ފަދަ ކަންކަމަށް އެދިފައި ވެއެވެ.
ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިއަހަރުގެ މާޗް މަހުގައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ޖަލްސާ ވަނީ މި މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މަސްވެރިންގެ ދުވަހު އެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ ބާއްވާނެ ކަމަށާއި އެ ދުވަހަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.
ކޮވިޑް ބަލިމަޑުކަން ފެތުރެމުން މިދާ ދަނޑިވަޅުގައި އެއްވުންތަކާއި ގިނަ މީހުން އެކުވެގެން ބާއްވާ ޖަލްސާތައް ނުބާއްވާ އިރު މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކަނޑުމަތީގައެވެ.
އެ ގޮތުން ކަންނެލީގެ މަސްވެރިކަން ކުރާ ދޯނި ފަހަރުތައް ކަނޑުމަތިން އެއް ސަރަހައްދަކަށް ޖަމާވާން ނިންމާފައިވާ އިރު، މޫސުމާ ހުރިހާ ކަމަށްކަށް ބަލައި އެ ޖަލްސާ ބާއްވާ ވަކި ސަރަހައްދެއް ފައިނަލް ކުރާނެ ކަމަށް އެ ޔޫނިއަނުން ބުނެއެވެ. މަސްވެރިންގެ ދުވަހު ކަނޑުމަތީގައި ބާއްވަން ނިންމާފައިވާ ޖަލްސާގައި އެ ޔޫނިއަންގެ ހިންގާ ކޮމިޓީ އެކުލަވާލުމާއި އެ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ވޯޓުލުމާއި މަސްވެރިންގެ ޝުއޫރު ފާޅުކުރުން ކުރިއަށް ދާނެ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.
އެ ޔޫނިއަނުން ބުނީ އެ ދޯންޏެއްގެ ފަޅުވެރިން ތިބޭނީ އެ ދޯންޏެއްގައި ކަމަށާއި އެއް ދޯނިން އަނެއް ދޯންޏަށް މީހުން ބަދަލުވެ ނުހަދާނެ ކަމަށެވެ. ރާއްޖޭގެ އުތުރުން ފެށިގެން މެދުރާއްޖެތެރެއާ ހަމައަށް މިހާރު އެ ޔޫނިއަންގައި ބައިވެރިވެފައިވާ 180 އަށްވުރެ ގިނަ ކަންނެލި ދޯނި އެބަހުރި ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ.