ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ދަރިވަރުން ކޯސް ފީ ޑޮލަރުން ދައްކަން ޖެހޭ މައްސަލަ ބަލަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހަޔާ އެޑިއުކޭޝަނުން ބުނީ، ފްލައިންގް ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެ ސްކޫލުގައި ކިޔަވާ ދަރިވަރުން ޑޮލަރުން ކޯސް ފީ ދެއްކުމުގެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނާއި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިފައިވާނެ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ބަލާނެ ކަމަށް ބުނެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
ފްލައިން ސްކޫލްގެ ދަރިވަރުންގެ އެތައް ޝަކުވާތަކެއް ސްކޫލްގެ މެނޭޖްމަންޓާ ހިއްސާކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ. އަދި ކޯހުގެ ފީ ދައްކަން ޖެހެނީ ޑޮލަރުުން ކަމަށާއި ކޯސް ދިގު ދެމިގެން ދާތީ އައްޑޫގައި ތިބުމަށް ކުރަންޖެހޭ ހަރަދުވެސް އިތުރުވެގެން ދާ ކަމަށް ކުދިން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން ބުނެފައި ވަނީ ކޮވިޑްގެ ހާލަތު އައުމާއެކު އެކި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ ސްކޫލަކީ ސަރުކާރުގެ އެހީއަކާ ނުލައި ހިންގާ އަމިއްލަ ސްކޫލެއް ކަމުން ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެދެވިގެންވާ ހައްލެއް ނުލިބުމުން އެ ސްކޫލްގެ ދަރުވަރުން ވަނީ ހަޔާ އެޑިއުކޭޝަންއާ ސިވިލް އޭވިއޭޝަންއަށް ވެސް އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ހަޔާއެޑިއުކޭޝަނުން ވަނީ ފްލައިންގް ސޫކުލުގައި މިވަގުތު މަތީ ތައުލީމާ ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާ އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމަށް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މަސައްކަތު 20 ދުވަހުގެތެރޭގައި އެ މިނިސްޓްރީއަށް ހުށަހަޅަން ބުނެފައެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރުވެސް ފްލައިންގް ސްކޫލުން ކޯސް ނިންމުމަށް އިނޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ހުށހަޅާފައެއް ނުވެއެވެ. އެހެންކަމުން އެ ކަން ހަޔާ އެޑިއުކޭޝަނުން ވަނީ ސިވިލް އޭވިއޭޝަނަށް ހުށަހަޅާފައި ކަމަށް ވަނީ ބުނެފައެވެ.
ފްލައިން ސްކޫލުގެ މައްސަލަ ބަލަމުން ދާނީ ސިވިލް އޭވިއޭޝަންގެ އިހްތިސޯސްގެ ތެރެއިން ކަމަށާއި މިހާރު ފްލައިން ސްކޫލްގެ މައްސަލަ އެ އޭވިއޭޝަނުން ތަހުގީގު ކުރަމުންދާ ކަަމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
ފްލައިންގް ސްކޫލަށް ހަޔާ އެޑިއުކޭޝަނުން އެންގި ކަންކަން ފުރިހަމަ ކޮށްފައި ނުވާއިރު މިހާރު އެ ސްކޫލުން ދަނީ ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަމުންނެވެ. އެ ސްކޫލާ ގުޅޭ ގޮތުން އެތައް ދަރިވަރުންތަކަކާއި ބެލެނިވެރިންތަކެއް މައްސަލަ ޖައްސާފައިވާ އިރު އެ މައްސަލަ އޭވިއޭޝަނުން ތަހުގީގު ކުރަމުންދާ މި ދަނޑިވަޅުގައި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރަމުން ދާ ނަމަ އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.
މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ފެށުނީއްސުރެ ވެސް ފްލައިން ސްކޫލްގެ މިފަދަ މައްސަލަތަކެއް އޮތް އިރު ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލަށް ވެފައި މިފަދަ ކަންކަމަށް ފިޔަވަޅު ނާޅާ މައްސަލަ ހައްލު ނުކުރެވި އޮތުމުން ގިނަ ބަޔަކު ވަނީ ސިވިލް އޭވިއޭޝަނާއި ޓްރާޏްސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.
ފްލައިން ސްކޫލަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަންސް ރެގިއުލޭޓްކުރާ އެކަޑަމީއެކެވެ.