މިއަދު ރާއްޖޭގައި 39 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 57 މީހުން ބަލިން ރަނގަޅުވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 39 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 37 މީހަކާއި އަތޮޅު ތެރެއިން ރަށްރަށުން ޕޮޒިޓިވް ވި މީހަކާއި ސިނާއީ މަސައްކަތް ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް ވި މީހެކެވެ. އަދި މިއަދު ހިންގަމުން ދާ ރިސޯޓުންނާއި އަތޮޅުތެރޭ ރަށްރަށުން ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،198 ށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 57 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،321 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 823 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 71 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ. އެއީ 40 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 47 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.