ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު ކްރިމިނަލް ކޯޓު ކައިރީ މުޒާހަރާކުރި މީހުންގެ ތެރެއިން ދެމީހަކު ފުލުހުން ހައްޔަރުކޮށްފައިވަ ކަމަށް އިދިކޮޅުން ބުނެފިއެވެ.
ޕީޕީއެމުން ބުނީ، މިއަދު ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލި 2 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދު ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ މާލެ ދަފްތަރު ސްޓިއަރިން ކޮމިޓީގެ ރައީސް އަހުމަދު އަދި ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރެއް ކަމަށްވާ އަހުމަދު އިލްހާމް ކަމަށް ޕީޕީއެމުން ބުނެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ކްރިމިނަލް ކޯޓު ކައިރިއަށް ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުން އެއްވެ ކުރަމުންދިޔަ އިހުތިޖާޖުގައި ފުލުހުންގެ އަމުރަށް ނުކިމަންތެރިވެ ޕޮލިސް ބެރިކޭޑް ހުރަސްކޮށް ގްރީން ޒޯނަށް ވަނުމުގެ ސަބަބުން ދެ މީހަކު މިއަދު 4:05 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ގޮތުން މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 45 އަހަރާއި 54 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މިއަދު ކްރިމިނަލް ކޯޓު ކައިރީ އިދިކޮޅުން ކުރި އިހުތިޖާޖުގައި ވަނީ ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާފައެވެ. މިއަދު ކްރިމިނަލް ކޯޓުގައި އެވަގުތު ވަނީ ރައީސް ޔާމީންގެ ޝާރިއަތުގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ.
އެ ޝަރީއަތުގައި ވަކީލުންގެ ފަރާތުން ވަނީ ދައުލަތުން އެފަރާތަށް ލިޔެކިޔުންތަކެއް ނުދޭތީއާއި ރައީސް ޔާމީނާ ބައްދަލު ކުރައްވަން ލިބޭ ވަގުތު މަދުކަމުން އެ ލިޔެކިޔުންތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާ ކުރަން ލިބޭ ވަގުތު މަދުކަމުގެ ޝަކުވާ ކޮށްފައެވެ. މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ދިފާއުގެ ވަކީލުން ހޯއްދެވުމަށް އެދިވަޑައިގެން ނުލިބި ހުރި ލިޔެކިޔުންތަކެއް ހޯދުމަށާއި ރައީސް ޔާމީނާއެކު ވަކީލުންނަށް ދިރާސާ ކުރަން ގިނަ ވަގުތު ބޭނުންވާނެތީ އެ އިންތިޒާމުތައް ޕީޖީ އޮފީސް މެދުވެރިވެގެން ހަމަޖައްސައިދިނުމަށް އަންގަވާފައެވެ.