ރ. ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއަށް އެކުންފުނިން އިންކާރުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ، ދައުވާގެ ވާގިޔާގައި ހުރި ވާހަކަތައް ސާފު ނޫން ކަމަށާއި، އަދި އަދާބާއި ގުޅޭގޮތުން ދައުލަތުން ދެއްކި ވާހަކަތައްވެސް ސާފު ނުވާކަމަށެވެ.

އެގޮތުން ސަން އިންވެސްޓްމެންޓް ކުންފުނީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީން ރިޝްވަތެއް ނެންގެވި ކަމަށް އެއްވެސް ކޯޓަކުން މިހާތަނަށް ހުކުމެއް ކޮށްފައިނުވާ ކަން ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން ދައުލަތުން އެ ކުންފުނީގެ މައްޗަށް އިއްވާފައިވާ ދައުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދައުވާއަކަށް ނުވާތީ، ކަނޑައެޅިގެން ދައުވާއަށް އިންކާރުކުރާކަމަށް ވަކީލުން ބުނެއެވެ.

އެކުންފުނީގެ ވަކީލުން ވަނީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރިޝްވަތު ދިންކަމަށް ބުނެފައިވާ މުއްދަތާއި ދެމެދު ގިނަ ދުވަސްތަކެއް ހިނގާފައިވާކަން ފާހަގަކޮށް އެކަމުގައި ސުވާލު އުފައްދަވާފައެވެ.

ދައުވާއާއި ގުޅޭގޮތުން ދައުލަތުން ކަންކަން ސާފުކޮށްދިނުމުން ސަން އިންވެސްޓްމެންޓް ކުންފުނީގެ ވަކީލް އަލީ ޝާހު ވިދާޅުވީ ދައުލަތުން އުފުލާފައިވާ ދައުވާއަށް އިއުތިރާފް ވާންޖެހޭ ސަބަބެއް ނެތްކަމަށާއި އެ ދައުވާއަކީ ނޭނގޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ސިޔާސީ ދައުވާއެއް ކަމަށެވެ. އެ ކުންފުނިގެ މައްޗަށް އޮތް ބިރުވެރިކަމުގެ ވާހަކަތައް ފަހުގެ މަރުހަލާގައި ހާމަކުރާނެ ކަމަށްވެސް އެ ކުންފުނީގެ ވަކީލުން ވިދާޅުވިއެވެ.

ސަން އިންވެސްޓްމަންޓް ކުންފުނިން ދައުވާއަަށް އިންކާރު ކުރުމާއެކު، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތެއްގެ ގޮތުން 15 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށްފަހު، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހެޅުމާއި ދައުވާއިން ދިފާއުވުމަށް ސަން އިންވެސްޓްމެންޓް ކުންފުންޏަށް ހެކި ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އިބްތިދާއީ އެ އަޑުއެހުންތަކަށްފަހު، ދެން ފެށިގެންދާނީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކެވެ.