ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން، އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާލި ފަހުން، އިއްޔެ އާ ރެކޯޑެއް ގާއިމް ކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި 2900 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު އިތުރުވެފައިވާ އިރު، ދުވާލަކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ވެސް ވަނީ އިތުރު ވެފައެވެ.

އެގޮތުން ޖުލައި 15 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 72،623 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ. އަދި މިއަހަރު މިހާތަނަށް 445،470 ފަތުރުވެރިން ވަނީ ރާއްޖެ ވަނީ އައިސްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 8581 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 7،610 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނައީ އިނގިރޭސިވިލާތުންނެވެ. އެއީ 2903 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 126 ރިސޯޓާއި 119 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 123 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައިވާއިރު އެއީ ސަފާރީއަކާއި 8 ރިސޯޓެވެ.