ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލަމަޑުކަމުގެ ޝިކާރައަކަށްވެ، މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި ބައްޕަގެ ހަނދާނުގައި، ފިރިހެން ދަރިފުޅު ޝާއިއު ކުރި ޒިކުރާގެ ލިޔުމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ކޯޓްނީ ފާގެ ބައްޕަ، ޑރ މާވިން ޖޭ ފާ، ކޮވިޑް-19ގެ ބަލީގައި މި ދުނިޔެއާއި ވަކިވީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

އެމެރިކާގެ ކަންސާ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ މި ދެބަފައިންގެ ވާހަކައަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނީ ސަބަބެއް ނެތިއެއް ނޫނެވެ. ބައްޕަގެ ހަނދާނުގައި ދަރިފުޅު، ކޯޓްނީ ފާ ދޫކޮށްލި ވަރުގަދަ ލިޔުމުގައި އޭނާ ހަމަލާ އަމާޒު ކުރީ، މި ނުރައްކާތެރި ބަލިމަޑުކަމުގައިވެސް އަނުކުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް، މާސްކު ނާޅާ އުޅޭ މީހުންނަށެވެ.

އެމެރިކާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ޑރ. ޖޯސެފް ވެރޮން، ދޮށީ އުމުރުގެ ޕޭޝަންޓް ގަޔާ ބޮނޑިކޮށްލައިގެން އޭނާ ހިތްހަމަޖައްސާ ދެނީ / ފޮޓޯ: ގޯ ނަކަމޫރާ | ގެޓީ

ބައްޕަގެ ހަނދާން އާ ކަރަމުން ކޯޓްނީ ބުނީ، އޭނާގެ ބައްޕަ އުފަންވީ ބޮޑު ތަދުގެ ދުވަސްވަރުގައި ކަމަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތަޖުރިބާތައްވެސް އެބައްޕަ ކުރި ކަމަށެވެ. ނަމަވެސް، މިއަދު އެ ބައްޕަ ވަކިވެގެން އެ ދިޔައީ، މޫނުމަތި ނިވާކޮށްލުމަށް ކުޑަ ފޮތިކޮޅެއް އެޅުމަށް އިންކާރު ކުރި ބަޔަކު އުޅޭ ދުނިޔެއަކާ ކަމަށް ކޯޓްނީ ބުނެފައިވެއެވެ.

"ބައްޕަ މަރުވެ ދިޔައީ އަމިއްލަ ކޮޓަރީގައި އޮވެއެއް ނޫން. އެންމެ ފަހު ވަގުތުވެސް ބައްޕައަށް ހިދުމަތް ކުރަން ތިބީ އާދައިގެއް ހެދުމެއްގައި ތިބި ބައެއް ނޫން. ފެނުނަސް ބިރުގަންނާނެ. ބައްޕަ މަރުވީ ކޮވިޑް-19ގަ. ފަހު ދުވަސްތަކުގެ ތަކުލީފު ބޮޑު. ބިރުވެރި. އެކަނިވެރި. އާއިލާއާއި ރަހުމަތްތެރިނެއް ގާތަކު ނެތް" ކޯޓްނީ ބުނެފައިވެއެވެ.

ބައްޕަގެ ހަނދާނުގައި ޝާއިއު ކުރި ޒިކުރާ ލިޔުން ވައިރަލް ވާން ފެށުމާއެކު، އެއީ ހަމަ ހަގީގަތުގައި އޭނާ ދޫކޮށްލި ލިޔުމެއް ކަމަށް ކޯޓްނީ ބުނެއެވެ.

ކޮވިޑް-19ގައި މި ދުނިޔެ ދޫކުރި ޑރ މާވިން ޖޭ ފާ އޭނާގެ ދަރިފުޅު ކޯޓްނީ ފާ ކުޑަ އިރު އުރާލައިގެން / ފޮޓޯ: ފޭސްބުކް

ކޯޓްނީ ބުނާ ގޮތުގައި އޭނާގެ ބައްޕަގެ މަރަކީ "ސިޔާސީ" މަރެކެވެ. ބައްޕަ މަރުވެ ދިޔައީ ގައުމީ ކާރިސާއެއްގެ ދަރަޖާގައި އޮތް، ގައިން ގަޔަށް އަރާ ބައްޔެއްގައި ކަމަށާ، އެހެން ގޮތަކަށް އެކަން ތަސްވީރު ކޮށްދޭން އުޅުމަކީވެސް ސިޔާސީ ނިންމުމެއް ކަމަށް ކޯޓްނީ ބުނެއެވެ.

މާސްކު އެޅުމުގެ މައްސަލައަކީ އެމެރިކާގައި ހަގީގަތުގައިވެސް ސިޔާސީ މައްސަލައެކެވެ. މިއީ މީހުންގެ ފުރާނައާ ގުޅިފައިވާ ކަމެއްކަން ދަންނަނީ މަދު ބައެކޭވެސް ބުނެވިދާނެއެވެ. އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ ކޮވިޑް-19ގެ ސީރިއަސް ކަމާއި، މާސްކުގެ މުހިންމު ކަމުގައި އެއްވެސް އަގެއް ނެތް ކަމަށް ދައްކަވާ ބޭފުޅެކެވެ. މިއާ ހިލާފަށް އިންތިހާބީ ރައީސް ޖޯ ބައިޑަން ވަނީ، ވެރިކަމުގެ 100 ދުވަހު، އެމެރިކާގެ ހުރިހާ ރައްޔިތުން މާސްކު ބޭނުން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސަރުކާރުގެ އިމާރާތްތަކުގައި އުޅޭ ވަގުތު، މާސްކު މަޖުބޫރު ކުރެއްވުމަށް އަމުރެއް ނެރުއްވާނެ ކަމަށްވެސް ބައިޑަން ވަނީ އިޝާރާތް ކުރައްވާފައެވެ.

https://www.facebook.com/courtneyfarr/posts/10108315563012029

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19އިން އަނެކާ ސަލާމަތް ކޮށްދިނުމަށް ތިބާއަށް ކޮށްދެވޭނެ އެންމެ ކުޑަ ހިދުމަތީ މާސްކު އެޅުމެއެވެ. އެއީ ތިބާއަށް ނޭނގި ނަމަވެސް ވައިރަހުގެ އަސަރު ހަށިގަނޑުގައި ހުރެމެ، އަނެކާ އެ ވައިރަހުން ސަލާމަތް ކޮށްދޭނެ ކަމެކެވެ. މާސްކު ނާޅާ ހުރެ ހޭލަމޭލައަށް އުޅުމީ، ތިބާ އެންމެ ލޯބިވާ މީހާގެ ގާތިލަކަށްވެސް ތިބާ ހާދާފާނެ ކަމެއްކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.