އިންޑިއާގެ ދަނޑުވެރިކަމުގެ ގާނޫނަށް ގެނައި ބަދަލަކީ، މި މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ މީހުންނަށް ހަޖަމް ކުރަން މާ ފަސޭހަ ކަމަކަށް ނުވިއެވެ. ސަރުކާރުގެ ބާރުތަކާއި ދަނޑުވެރިންނާ ދެމެދު އުފެދުނު ހޫނުގަނޑަށް އަދިވެސް ފިނިކަމެއް އައިސްފައި ނުވާއިރު، މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފެއިލްވެއްޖެނަމަ، މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުވެސް ދަނޑުވެރިން ވަނީ ދީފައެވެ. އެއީ މި މައްސަލައަށް ހައްލު ހޯދުމަށް ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތައްވެސް ކޮޅެއްގައި ނުޖެހި، ފެއިލްވި ހިސާބުންނެވެ.

މަޝްވަރާތަކުގައި ސަރުކާރުން ހުށަހެޅީ ބައެއް ބަދަލުތައް ގެނައުމަށެވެ. ނަމަވެސް ދަނޑުވެރިން ޑިމާންޑް ކުރަމުންދަނީ، މުޅި "އިސްލާހް" އަނބުރާ ގެންދިއުމަށެވެ. ދަނޑުވެރިން ވަނީ، އަންގާރަ ދުވަހު، ގައުމީ ފެންވަރުގެ ހަޅުތާލެއް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ގާނޫނު އުވާ ނުލައިފިނަމަ ޓޯލްޕޮއިންޓްތައް ހިސޯރު ކުރާނެ ކަމުގެ އިންޒާރުވެސް ދަނޑުވެރިން ވަނީ ދީފައެވެ.

އިންޑިއާގެ ފިޔާ ބާޒާރެއް/ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ އެތައް ހާސް ދަނޑުވެރިންނެއް މުޒާހަރާ ކުރަން ފެށި، ދަނޑުވެރިކަމުގެ ގާނޫނަށް އިސްލާހީ ބަދަލެއް ގެނައި ހިސާބުންނެވެ. މި ބަދަލަކީ ދަނޑުވެރިންގެ އުފެއްދުންތަކުގެ އަގު ވައްޓާލާނެ ބަދަލެއް ކަމަށް ބުނެވެއެވެ. މި ގާނޫނަކީ، ދަނޑުވެރިންގެ އުފެއްދުންތައް ވަކި އަގެއްގައި ސަރުކާރަށް ގަންނަ ގަތުމަށް ހުއްޓުމެއް ގެނެސް، ޕްރައިވެޓް އިންވެސްޓަރުންނަށް ހުދުމުހުތާރީ ބާރެއް ދޭ ގާނޫނެއް ކަމަށް ދަނޑުވެރިން ސިފަކުރެއެވެ. މި އިސްލާހް ގެނައުމުގައި ދަނޑުވެރިންނާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށް ދަނޑުވެރިން ދަނީ ބުނަމުންނެވެ.

އިންޑިއާގެ ބާޒާރެއްގައި ފިޔާ ވިއްކަން އިން ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ދަ ހިންދޫ

ދަނޑުވެރިންގެ ދިފާއުގައި ކެނެޑާ

އިންޑިއާގެ ދަނޑުވެރިންގެ ސިލްސިލާ މުޒާހަރާތަކަށް ތާއީދުކޮށް، ފާޅުގައި ބަސް ވިދާޅުވި އެއް ބޭފުޅަކީ ކެނެޑާގެ މަގުބޫލު ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއެވެ. ނަމަވެސް، އެކަން ވީ އިންޑިއާގެ ސަރުކާރަށް ހަޖަމް ކުރެވޭ ވަރުގެ ކަމަކަށް ނޫޏެވެ. ޓްރޫޑޯގެ ވާހަކަފުޅަކީ، ސައްހަ މައުލޫމާތު ލިބިވަޑައިގެންފައި ނެތުމުގެ ސަބަބުނ ދެކެވުނު ވާހަކަފުޅުތަކެއް ކަމަށާ، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަފުޅުތަކެއް ކަމަށް އިންޑިއާއިން ސިފަ ކުރިއެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. އިންޑިއާގެ ހާރިޖީ ވުޒާރާއިން ވަނީ، އެ ގައުމުގައި ހުންނަވާ ކެނެޑާގެ މަންދޫބު ނަދީރު ޕަޓޭލްވެސް ހާޒިރު ކުރައްވާފައެވެ. އަދި ކެނެޑާގެ އަމަލުތައް އެ ރޫހުގައި ތަކުރާރު ވަމުން ދަނީ ނަމަ، ދޭދޭ ގުޅުމަށް "ސީރިއަސް ގެއްލުމެއް" ލިބިދާނެ ކަމުގެ އިންޒާރުވެސް އިންޑިއާގެ ހާރިޖިއްޔާއިން ދިނެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ/ފޮޓޯ: އޭއެފްޕީ

މިވަރުންވެސް އިންޑިއާ ސަރުކާރުގެ އިހުތިޖާޖު ނިމޭކަށް ނެތެވެ. އިންޑިއާގެ ހާރިޖިއްޔާއިން ވަނީ ކެނެޑާ އިސްކޮށް ވެގެން ކުރިއަށް ގެންދާ 11 ވަނަ މިނިސްޓީރިއަލް ކޯޑިނޭޝަން ގުރޫޕު އޮން ކޮވިޑް-19ގައި އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ބައިވެރިވެވަޑައިނުގަންނަވާނެ ކަން އިއުލާން ކޮށްފައެވެ.

ކެނެޑާގައިވެސް މުޒާހަރާ

ދަނޑުވެރިންގެ މުޒާހަރާތަކާ ގުޅިގެން ކެނެޑާގައިވެސް ވަނީ މުޒާހަރާތައް ފަށާފައެވެ. ކެނެޑާގައި ހުންނަ އިންޑިއާގެ އެމްބަސީ ސަރަހައްދުގައި މުޒާހަރާތައް ވަރުގަދަ ކުރަމުން އަންނައިރު، އިންޑިއާގެ އެމްބަސީއިން ވަނީ އިތުރު ރައްކާތެރިކަމާ ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް ކެނެޑާގެ ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

ކެނެޑާ ސަރުކާރުގެ ވާހަކަތަކުން މިފަދަ ކަންކަމަށް ހިތްވަރު ދޭ ކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ތުހުމަތު ކުރެއެވެ. އަދި މިފަދަ ވާހަކަތަކުން އެއްކިބާވުމަށްވެސް އިންޑިއާއިން ވަނީ ކެނެޑާގެ ސަރުކާރަށް ގޮވާލާފައެވެ.

އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަނީ / ފޮޓޯ: އަލްޖަޒީރާ

އިންޑިއާގެ ދަނޑުވެރިންނާ އެ ގައުމުގެ ސަރުކާރާ ދެމެދު އުފެދިފައިވާ މައްސަލަތަކުގައި ބައިނަލްއަގުވާމީ ކުލަވަރު ޖެހެން ފަށާފައި ވާއިރު، މަސްރަހު ސުލްހަވޭތޯ އިތުރު މަޝްވަރާތަކެއް ބުދަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ.