މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ލ. ގަމަށް ވަޑައިގެން ހައްދުންމަތީގައި ކުރިއަށްގެންދާ 3 މަޝްރޫ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، އާއިލާތަކާއެކު ދިރިއުޅުމުގެ ފުރުސަތުނެތި މަގުމަތިވެފައިވާ ޒުވާނުން، އަނބުރާ މުޖުތަމައުއަށް ގެނައުމަކީ މިއަދު ކުރަން ޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ.
ހައްލު ނުކުރެވިފައިވާ އެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހާއްސަ ޕްލޭނެއް އަންނަ އަހަރަށް އެކުލަވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖަލުގައި މަސްތުވާ ތަކެތީގެ ނެޓްވޯކްތައް އޮޕްރޭޓް ކުރުން ހުއްޓުވުމަށް ކުޑަކުދިންނަށް ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ގަމުގައި މިއަދު ފެށިގެންދިޔަ ސީޓީ ސްކޭންގެ ހިދުމަތަކީ، އެތަން ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރުކުރެވެނު މުހިންމު ހިދުމަތެއްކަމަށެވެ.
އެކަމުގެ ސަބަބުން ހިދުމަތް ހޯދަން މާލެއަށް ނުގޮސް، ރަށުގައި ތިބެގެން ނުވަތަ އެ އަތޮޅުން، ހިދުމަތް ހޯދުމުގެ ފުރުސަތު އެސަރަހައްދުގެ ރައްޔިތުންނަށް ފަހިކޮށްދެވިފައިވާ ކަމަށާއި ގަން ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ކުރާ މަސައްކަތާއެކު، ހިދުމަތުގެ ފެންވަރަށް ބޮޑެތި ބަދަލުތަކެއް އައިސް، ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.
ސިއްހީ ހިދުމަތް ލާމަރުކަޒު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ގެނެވޭ މުހިންމު ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ.
ރައީސް ވިދާޅުވީ އެއިން ކޮންމެ ބަދަލަކާ އެކު އުފެދިގެން އެއަންނަނީ ވަޒީފާގެ އެތައް ފުރުސަތެއް ކަމަށާއި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަމުން ގެންދާ ދަރިވަރުން، ރަށާއި އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ވަރަށް ތަނަވަސް ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށެވެ.