މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މޯލީ ގިބްސަން އުފަންވި އިރު، އޭނާ "އުފެދެމުން" އަންނަތާ 27 އަހަރު ވެއްޖެ ކަމަށް ސިއްހީ ދާއިރާގެ ބަހުރުވައިން ނަމަ ބުނެވިދާނެއެވެ.

މި ލިޔުމައިގެން ކުރިއަށް ދިއުމަށް އެމްބްރިޔޯގެ ކުރު ހުލާސާއެއް ދޭންޖެހެއެވެ. އެމްބްރިޔޯއަކީ، ޣަރުބަގަނެ އުފެދެން ފަށާފައިވާ ދަރިއެވެ. އާންމު ގޮތެއްގައި އެމްބްރިޔޯއެކޭ ބުނަނީ، އަންހެނާގެ ބަނޑުގައިވާ ބިހާއި ފިރިހެނާގެ ދަރިފަނި ގުޅި، ދަރިއަކު ޣަރުބަގަންނަން ފަށާތާ 2 ވަނަ ހަފުތާއާއި 8 ވަނަ ހަފުތާއާ ދެމެދު ފާއިތުވާ މުއްދަތުގައެވެ. އޭގެ ފަހުން، އެ ދަރިއަށް ރިއާޔަތް ކުރަނީ ފީޓަސްގެ ގޮތުގައެވެ.

މޯލީ ގިބްސަންގެ އެމްބްރިޔޯ ގަނޑު ކުރީ 1992 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޓެނެސީއަށް ނިސްބަތްވާ ޓީނާއާއި ބެން ގިބްސަން، މިއަހަރުގެ ފެބުރުވަރީ މަހު، މޯލީގެ އެމްބްރިޔޯ އެޑޮޕްޓް ކުރުމާ ހިސާބަށް އެ އެމްބްރިޔޯ އޮތީ ގަނޑުކޮށްފައެވެ.

ގަނޑުކޮށްފައިވާތާ 27 އަހަރުވީ އެމްބްރިޔޯއަކުން އުފަންވި މޯލީ ގިބްސަން / ފޮޓޯ: ގުޑްމޯނިންގް އެމެރިކާ

ބެލެވޭ ގޮތުގައި މޯލީ އަކީ، އެންމެ ގިނަ ދުވަހަށް ގަނޑުކޮށްފައި ވާ އެމްބްރިޔޯއަކުން އުފަންވި ކުއްޖާއެވެ.

މޯލީއާއެކު ގިބްސަން-އާއިލާއަށް ވަނީ އުޖާލާކަން ލިބިފައެވެ. އުމުރުން 29 އަހަރުގެ ޓީނާ ގިބްސަންއަކީ ތުއްތު ކުދިންނަށް ކިޔަވައި ދޭ ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރެކެވެ. 36 އަހަރުގެ ބެން ގިބްސަންއަކީ، ސައިބާ ސެކިއުރިޓީ އެނަލިސްޓެކެވެ.

ގިބްސަންގެ ދެމަފިރިންނަކީ، ދަރިއަކު ނުލިބުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދިޔަ ދެމަފިރިންނެވެ.

މި ގޮތަށް ގަނޑުކޮށްފައި ހުންނަ އެމްބްރިޔޯތަކަކީ، ވާޓްރޯ-ފާޓިލައިޒޭޝަން ހަދާ ޕޭޝަންޓުން ބޭނުން ނުވެގެން ދޫކޮށްލާފައިވާ އެމްބްރިޔޯތަކެވެ. މި ގޮތަށް އެމްބްރިޔޯ ގަނޑު ކުރަނީ ޕޭޝަންޓުގެ ހުއްދައާ އެކުގައެވެ.

އެމެރިކާގެ ނޭޝަނަލް އެމްބްރިޔޯ ޑޮނޭޝަން ސެންޓަރު (އެންއީޑީސީ) އިން ބުނާ ގޮތުގައި، މިހާރުވެސް މިލިއަނެއްހާ ގަނޑުކުރި އެމްބްރިޔޯ، ރިޒާވްގައި އެބަހުއްޓެވެ.

މޯލީއަކީ ގިބްސަންގެ ދެމަފިރިން އެޑޮޕްޓްކުރި ފުރަތަމަ އެމްބްރިޔޯއެއް ނޫނެވެ. 2017 ވަނަ އަހަރުވެސް މި ދެމަފިރިން ވަނީ އެމްބްރިޔޯއެއް އެޑޮޕްޓްކޮށްގެން، އާއިލާގެ ފުރަތަމަ މެމްބަރަށް މަރުހަބާ ކިއާފައެވެ. އެއީ އެމާ ގިބްސަންއެވެ.

ގަނޑުކޮށްފައިވާތާ 27 އަހަރުވީ އެމްބްރިޔޯއަކުން އުފަންވި މޯލީ ގިބްސަން (ކ) އަދި އެމާ ގިބްސަން / ފޮޓޯ: ޔޫއެސްއޭ ޓުޑޭ

މޯލީ އުފަންވުމާ ހިސާބަށް، އެންމެ ގިނަ ދުވަހަށް ގަނޑުކުރި އެމްބްރިޔޯއަކުން އުފަންވި ކުއްޖާގެ ރެކޮޑް އޮތީ އެމާ އަތުގައެވެ. މޯލީއާއި އެމާއަކީ ޖީންސް ގޮތުން ބަލާއިރުވެސް ދެބެންނެވެ. އެމާއާއި މޯލީގެ އެމްބްރިޔޯ ގަނޑުކުރީ 1992 ވަނަ އަހަރުއެވެ. އޭރު، ޓީނާ ގިބްސަންގެ އުމުރަކަށް ވާނީ އަހަރެއްހާ ދުވަހެވެ.

މި ފަހުގެ ތާރީހަށް ބަލާއިރު، ގަނޑުކުރި އެމްބްރިޔޯއަކުން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވީ، 1984 ވަނަ އަހަރު އޮސްޓްރޭލިއާގައެވެ.