ޑޮކްޓަރުންނަކީ އިންސާނިއްޔަތަށްޓަކައި އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް ކުރަމުން އަންނަ ބައެއް ކަމީ، މިއަދު ހަމަ ކޮންމެ މީހަކުވެސް ގަބޫލު ކުރާނެ ހަގީގަތަކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަނަ ވިލާގަނޑުން މުޅި ދުނިޔެ އަނދަރިކޮށް، ހަތަރު އުދަރެސް ބައްދާ، ތޫފާނީ އޮއެވަރެއްގައި ޖެއްސުވިއިރު، އައްޑަނަ ހިފައިގެންނާއި އައްޑަނައަކާ ނުލާ، އެންމެ ކުރީ ސަފުގައި އަދިވެސް ހިދުމަތް ކުރަމުން އެދަނީ ހަމަ ޑޮކްޓަރުންނެވެ.

މިފަދަ އަގުހުރި ހިދުމަތެއް، އަމިއްލަ ނަފްސު ގުރުބާން ކުރަމުން ދެމުންދާ ޑޮކްޓަރުންނަށް އަމާޒުކޮށް، އިހާނެތި ބަސްތައް ބޭރު ކުރެވޭ ފަހަރުވެސް އާދެއެވެ. ހިތް އެދޭ ހުރިހާ ކަމެއް، އެ އެދޭ ގޮތަށް ނުވުމުންނެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނެތޭތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް، ފާހަގަ ކުރަންޖެހޭ ކަމަކީ، ގިނަ ޑޮކްޓަރުންނަކީ، އާންމު ހިދުމަތަށް ނިކުމެ ތިބި ހިދުމަތްތެރިންގެ ތެރެއިންވެސް އެންމެ ހިތްތިރި ފަހުލަވާނުންތަކެއް ކަމެވެ. މިއީ އެއްވެސް ހާލެއްގައި، އަނެކުންނަށް ބުނާ ދެރަ ބަހެއް ނޫނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ތަސްވީރަށް ބަލާލުމުންވެސް، މި ދެންނެވި ވާހަކަ ގަބޫލު ކުރަން ފަސޭހަ ވެދާނެއެވެ.

އެމެރިކާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ޑރ. ޖޯސެފް ވެރޮން، ދޮށީ އުމުރުގެ ޕޭޝަންޓް ގަޔާ ބޮނޑިކޮށްލައިގެން އޭނާ ހިތްހަމަޖައްސާ ދެނީ / ފޮޓޯ: ގޯ ނަކަމޫރާ | ގެޓީ

މިއީ މީގެ ދެތިން ހަފުތާއެއްހާ ދުވަސް ކުރީގެ ތަސްވީރެކެވެ. ތަސްވީރުން ފެންނަނީ ކޮވިޑް-19އަށް ފަރުވާ ހޯދަމުން އަންނަ ދޮށީ އުމުރުގެ ޕޭޝަންޓަކާ، ޑޮކްޓަރެކެވެ. އެއީ އާދައިގެ ހެދުމެއްލައިގެން ތިބި ބައެއް ނަމަ، އެންމެ ފުރަތަމަވެސް ސިކުނޑި ބުނާނީ އެއީ ހަމަ ޔަގީނުންވެސް އެއީ ދެބަފައިން ކަމަށެވެ.

ފޮޓޯގައި އެވަނީ، އެމެރިކާގައި ހިއުސްޓަންގައި ހިންގާ ޔުނައިޓަޑް މެމޯރިއަލް މެޑިކަލް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ ޑރ ޖޯސެފް ވެރޮންއެވެ. ޑރ ވެރޮން ބުނާ ގޮތުގައި، އެ ފޮޓޯއެއް ނެގިކަންވެސް އޭނާއަކަށް ނޭނގެއެވެ. ފޮޓޯ ނަގާފައިވާ އެ ވަގުތަކީ، ބަލި މީހާ ކުރަމުންދިޔަ ހިތާމައިގައި ހުދު، އޭނާވެސް ބައިވެރިވި ވަގުތު ކަމަށް ޑރ ވެރޮން ބުނެއެވެ. އޭނާ ބުނާ ގޮތުގައި ހޮސްޕިޓަލުގައި ފޮޓޯގަރާފަރުން ހަރަކާތްތެރިވުމަކީ އާދަޔާ ހިލަފު ކަމެއް ނޫނެވެ. ދެފުށް ފެނުމަށް އެދޭ އަދުގެ މި ޒަމާނުގައި އެކަން އޮންނާނީވެސް އެހެންނެވެ.

ކޮވިޑް-19 ޔުނިޓްގައި މަސައްކަތް ކުރަމުން އަންނަ ޑރ ޖޯސެފް ވެރޮން ޕީޕީއީ ލަނީ / ފޮޓޯ: ރޮއިޓާޒް

"އަހަރެންގެ ފަހަތުގައި ފޮޓޯގްރާފަރެއް އުޅޭ. އަހަރެން ދެން ގޮސް ވަނީ ކޮވިޑް ޔުނިޓަށް. އޭރު މި ފެންނަނީ ދޮށީ އުމުރުގެ ޕެޝަންޓެއް، އެދުން ތެދުވެ، ކޮޓަރިން ބޭރަށް ނިކުންނަން މަސައްކަތް ކުރާ މަންޒަރު. އޭރުވެސް އެމީހާއަށް ރޮވެނީ. އެހެންވެ، އަހަރެން އޭނާއާ ގާތްވެލިން. ގަޔާލާ ބޮނޑިކޮށްލިން. އަދި ވީކީއްތޯ ސުވާލު ކުރިން" ޑރ ވެރޮން ކިޔައިދިނެވެ.

ދޮށީ އުމުރުގެ އެ ޕޭޝަންޓް ބޭނުންވެގެން އުޅުނީ އަނބިމީހާ ގާތަށް ދިއުމަށެވެ. އެހާ ހިސާބުން ޑރ ވޮރަން، އެ ޕޭޝަންޓުގެ ހިތްހަމަޖައްސާ ދެވޭތޯ މަސައްކަތް ކުރިއެވެ. ގެޓީގެ ފޮޓޯގްރާފަރު، ގޯ ނަކަމޫރާ، މަންޒަރު ކުރަހާލި ވަގުތަކީ އެއީއެވެ. ޑޮކްޓަރުގެ ހިތްތިރި ފިރުމުންތަކާއެކު، ބަލިމީހާގެ ހިތަށް ލުއިކަމެއް ލިބުނު ކަމަށާ، ރުއިންވެސް ހުއްޓާލިކަމަށް ޑރ ވެރޮން ބުނެއެވެ.

ކޮވިޑް-19 ޔުނިޓްގައި މަސައްކަތް ކުރަމުން އަންނަ ޑރ ޖޯސެފް ވެރޮން ޕީޕީއީ ލައިގެން ސްޓްރެޗް ކުރަނީ / ފޮޓޯ: ރޮއިޓާޒް

ބަލި މީހާގެ މިހާރުގެ ހަލަތާ ބެހޭ ގޮތުން ޑރ ވެރޮން ބުނީ، ކޮވިޑް-19 ޓެސްޓު ނެގެޓިވް ވަންދެން އަނބިމީހާއާ ބައްދަލުވުމުގެ ފުރުސަތު އެ ޕޭޝަންޓަށް ނެތް ކަމަށެވެ. އަދި މިއީ، ދަތި އުނދަގޫ ވަގުތެއް ކަމަށްވެސް ބުންޏެވެ.

ކޮވިޑް-19 ޔުނިޓްގައި މަސައްކަތް ކުރާ ޑރ. ޖޯސެފް ވެރޮން ލިޔެފައިވާ ޑެތް ނޯޓެއް / ފޮޓޯ: ރޮއިޓާޒް

"ކޮޓަރިއެއްގައި އޮއްވާ، ޖައްވާ ދާން ލާ ޒާތުގެ ސޫޓުތަކެއް ލައިގެން ބަޔަކު ކޮޓަރިއަށް އައިސް ގޮސް ހަދާއިރު، އަދި އެހެން މީހަކާ ވާހަކަ ނުދެއްކޭއިރު، ހިތަށް ކުރާނެ އަސަރު ވިސްނާލާ" ކޮވިޑް-19 ގެ ނަފްސާނީ ތަކުލީފަށް އިޝާރާތް ކުރަމުން ޑރ ވެރޮން ބުންޏެވެ.

ތަސްވީރުން ފެންނަ ޕޭޝަންޓް، މި ހަފުތާ ތެރޭގައި ދޫކޮށްލެވޭނެ ކަމަށް ޑރ ވެރޮން އުއްމީދު ކުރެއެވެ.