ބޮޑެތި މަސައްކަތްތައް ކުރަން ދޫކޮށްފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުލި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓައިލަން ނިންމައިފި އެވެ.

މީރާއިން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިއްޔެ ގެނެވުނު އިސްލާހުގެ ދަށުން، ބޮޑެތި މަސައްކަތްތައް ކުރަން ދޫކޮށްފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުއްޔަކީ އެ ބިން ދޫކޮށްފައިވާ ކައުންސިލަކަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި އިއްޔެއިން ފެށިގެން ކަނޑައަޅާފައިވާ ކަމަށެވެ.

އެ އިސްލާހު ގެނެސްފައި ވާތީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފަޔާއެކު، އެފަދަ ބިންތަކުގެ ކުލީގެ ގޮތުގައި އެ އޮތޯރިޓީއަށް ބަަލައިގަންނަމުން ދިޔަ ފައިސާ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބަލައިގަތުން ހުއްޓައިލުމަށް ހަމަޖައްސާފައިވާ ކަމަށްވެސް މީރާއިން ބުނެއެވެ.

އެހެންކަމުން މީރާއިން ދެން ބަންޑާރަ ބިމު ކުލީގެ ފައިސާ ބަލައިނުގަންނާނެ ކަމަށާއި، އެ ފައިސާ ބަލައިގަންނާނީ އެ ބިމެއް ކުއްޔަށް ދޫކޮށްފައިވާ ކައުންސިލަކުން ކަމަށްވެސް މީރާ އިން ބުނެއެވެ.