މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ހިންގާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ގުއުމީ ކެމްޕޭނުގައި ބޭނުން ކުރެއްވުމަށްޓަކައި، ކަނޑަ އަޅާފައިވާ ލޯގޯ އާއި ޝިއާރު، ސަރުކާރުގެ ރަސްމީ ސިޓީތަކާއި، ނޯޓުތަކުގައި ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހް މިކަން ނިންމަވާ އިއުލާން ކުރެއްވީ ރައީސް އޮފީހުގެ 30 ވަނަ ދެންނެވުމުގައެވެ.

ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ ކެމްޕޭނުގައި ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ގެވެށި އަނިޔާ ހުއްޓުވާނަން" މިއެވެ. މި ޝިއާރު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހު އެކަކުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ބޭނުންވާނަމަ، ޖެންޑާ މިނިސްޓްރީން އެކަމެއް އޮޅުން ފިލުއްވުމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ. ހަމައެއާއެކު އެ ދެންނެވުމުގައި ވަނީ ރަސްމީ ސިޓީތަކާއި، ނޯޓުތަކުގައި މި ލޯގޯއާއި ޝިޢާރު ޖައްސަވާނެގޮތުގެ ނަމޫނާ އާންމުކޮށްފައެވެ.