އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރަމުން ދާތީ އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ ފްލައިންގް ސްކޫލާ ގުޅިގެން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހުށަހަލާފައިވާ މައްސަލަަތައް ބަލަމުން ދަނިކޮށް މިއަދު އެ ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ސްކޫލުން ކަނޑާލުމާ ގުޅިގެންނެވެ.
ނަހުލާ ވިދާޅުވީ، ފްލައިން ސްކޫލްގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި އެ ސްކޫލުގައި ކިޔަވާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރަމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރުން ކުށްވެރި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފްތާއިން ފެށިގެން މިއަދާ ހަމައަށް އައި އިރު އެ ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ސްކޫލުން ވަކިކޮށްފައިވާ ކަން އަންގާ މެއިލް ކޮށްފައިވާ ކަމަށް އެ ސްކޫލުގެ ދަރިވަރުން ބުނެއެވެ. އެ ސްކޫލުން ފޮނުވި މެއިލްތަކުގައި ވަކިކުރި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ސްކޫލުން ގަބޫލުކުރާ މިންވަރަށް ކޯސް ކުރިއަށް ގެންގޮސްފައި ނުވާތީ ކަމަށެވެ.
މީގެ ކުރިން ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ. އެކަމާ ގުޅިގެން ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެ އެކަޑަމީއާ ދެކޮޅަށް ހަޔާ އެޑިއުކޭޝަނުން ވެސް ވަނީ ފިޔަވަޅު އަޅާފައެވެ.
ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައިގައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި 86 ދަރިވަރުން ވަނީ ސްކޫލުގެ މައްސަލަތައް ހިއްސާކޮށް ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއިކުރި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިކަން ނުކުރުމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެ ސްކޫލުގެ ފަރާތުން ވަނީ އިންޒާރުގެ މެއިލްތަކެއް ވަނީ ކޮށްފައެވެ.
ޕެޓިޝަންގައި ބައިވެރިވި ދަރިވަރުންނަށް ފޮނުވި އިންޒާރުގެ މެއިލްތަކުގައި ވަނީ 3 މަސް ދުވަސްހާ މުއްދަތެއްގެ ތެރޭގައި ހުރިހާ އިމްތިހާނެއް ނިންމުމަށް އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި އިމްތިހާންތައް ނުނިންމިއްޖެ ނަމަ ސްކޫލުން ވަކިކުރެވޭނެ ކަމަށް ފްލައިން ސްކޫލުން ބުނެފައި ވެއެވެ.
މިހާރު މި މައްސަލަ ސިވިލް އޭވިއޭޝަނއާއި، އޭޑިއުކޭޝަންއާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު މި މައްސަލަ ދަނީ އެތަންތަނުން ބަލަމުންނެވެ. މި ކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަނުން ބުނެފައި ވަނީ އެ މައްސަލަ މިހާރު ބަލަމުންދާނީ ސިވިލް އޭވިއޭޝަންން އޮތޯރިޓީގެ އިހްތިސޯސްގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނެފައި ވަނީ ފްލައިންގް ސޫކުލުގައި މިވަގުތު މަތީ ތައުލީމާ ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާ އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމަށް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށް ބުނެފައި ވާނެ ކަމަށެވެ. އަދި އެ ޕްލޭން ތަންފީޒުކުރުމާ ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށްވެސް އެ އެކަޑަމީއަށް އަންގާފައި ވާނެ ކަމަށް ފްލައިން ސްކޫލުން ބުނެފައި ވެއެވެ. މިގޮތަށް އެ މިނިސްޓްރީން އެދިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މަސައްކަތު 20 ދުވަސް ތެރޭ ހުށަހަޅަން ޖެހޭ އިރު އެ މުއްދަތު ހަމަވާނީ މި މަހުގެ 25 އާ ހަމައަށެވެ.