އުމުރުން 18 އަހަރު ފުރުނު ކަމުގައި ވިޔަސް 18 އަހަރުން ނުފުރެނީސް ކުއްޖަކު ކުރި ކުށުގެ އަދަބަށް މަރުގެ އަބަދު ނުދެވޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. އެގޮތުން ޖީހާން ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގިނަ އިސްލާހު ތަކެއް ހުށަހަޅުއްވާފައެވެ.

ޖީހާން ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށާއި އެ ގާނޫނުން ބައެއް މާއްދާތައް އުނިކުރަން އަދި ބައެއް މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި ކުޑަކުއްޖަކު މީހަކު މެރުމުގެ ކުށްކޮށްފިނަމަވެސް އެކުއްޖަކަށް މަރުގެ އަދަބު ނުދެވޭގޮތަށް ގާނޫނު އިސްލާހު ކުރުމަށް އޭނާ ވަނީ މާއްދާއެއް ހުށަހަޅާފައެވެ. ހަމައެއާއެކު މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަން ވާނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކުށުގެ ތުހުމަތުގައި ބަންދުކުރާ ކުދިން ގޭ ބަންދުގައި ބެހެއްޓުމަށް ބާރު އެޅުމަށް ވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށް އެ އިސްލާހުގައި ބުނެއެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައި ވެއެވެ.

ކުއްޖާ ބަންދު ކުރެވޭ ހާލަތްތަކުގައި އާއިލާއާ އެކަހެރިކޮށް ކުއްޖާ ބަންދުކުރުމަށްޓަކައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ކުއްޖާއަށް ނޭދެވޭ އަސަރުކުރާނެ ކަމަކަށް ވާތީ ކުއްޖާއަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ ކުއްޖާ އޭނާގެ އާއިލާ ގާތުގައި ބަންދުގައި ހުރުން ކަމުގައި އެ އިސްލާހު ހުށަހެޅި މަގްސަދުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލު ކުރަން ފަށަފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ނޮވެންބަރު 20، 2019 ގައި ތަސްދީގު ކޮށްފައި ވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިއަހަރުގެ ފެބުރުވަރީ 20 އިން ފެށިގެން ދަނީ އަމަލު ކުރަމުންނެވެ.