އެފަދަ ދެވަނައެއް ނުވާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ފިލްމް ފްރެންޗައިޒް "ސްޓާ ވޯޒް" ގެ އޮރިޖިނަލް ޓްރިލޮޖީގައި، "ޑާތު ވޭޑާ"ގެ ރޯލުން ފެނިގެންދިޔަ ކުރީގެ ބޮޑީބިލްޑަރު، ޑޭވް ޕްރައުޒް މަރުވެއްޖެއެވެ.

ޖޭމްސް އާލް ޖޯންސް އަޑުއަޅާ ދިން ނަމަވެސް، ޑާތު ވޭޑާގެ ރޯލު، ޕްރައުޒްއަށް ދީފައި ވަނީ، އޭނާގެ ޖިސްމާނީ ހަށިގަނޑު ހެދި ހުރި ގޮތަށް ބެލުމަށް ފަހުގައެވެ.

ސްކްރީންތަކުން ޑޭވް ޕްރައުޒް އާންމު ގޮތެއްގައި ފެނިފައި ވަނީ "ފުރޭތަ" ޒާތުގެ، ނުބައިބައި ކެރެކްޓަރުތަކުގައި ކަމަށް ވީ ނަމަވެސް، އޭނާއާ އެކުގައި މަސައްކަތް ކުރި މީހުންގެ ދިރިއުޅުމުގައި ޕްރައުޒް އަކީ ބަތޮލެކެވެ.

ފިލްމް ފްރެންޗައިޒް "ސްޓާ ވޯޒް" ގެ އޮރިޖިނަލް ޓްރިލޮޖީގައި، "ޑާތު ވޭޑާ" ގެ ރޯލުން ފެނުނު ޑޭވް ޕްރައުޒް / ފޮޓޯ: ޓްވިޓާ

ކުޑަ ދުވަސްކޮޅެއް ވަންދެން ބަލިވެ އުޅުމަށްފަހު، އުމުރުން 85 އަހަރުގެ ޕްރައުޒް މި ދުނިޔެއާއި ވަކިވެގެން ދިއުމަކީ، ދުނިޔޭގެ އެކަންކޮޅުތަކުގައި ތިބި، އޭނާގެ އެތައް މިލިއަން ފޭނުންނަކަށް ފުން ހިތާމައެއް ގެނުވި ކަމެއްގެ ގޮތުގައި ސިފަކުރެވެއެވެ.

ސްޓާވޯޒްގެ ފިލްމުތަކުގައި ލޫކް ސްކައިވޯކާގެ ރޯލުން ފެނިގެންދިޔަ މާކް ހެމިލް ވަނީ، ޕްރައުޒްގެ ވަކިވެ ދިއުމާއެކު އިންތިހާ ހިތާމަ ގެނުވިކަން ހާމަކޮށްފައެވެ. އޭނާއަކީ، ފޭނުން އޭނާ ދެކެ ލޯބިވީ ފަދައިން، ފޭނުން ދެކެވެސް ލޯބިވީ މީހެއް ކަމަށް މާކް ހެމިލް ބުނެއެވެ.

ފިލްމީ ސިނާއަތުގައި ބައި ގަރުނު މަސައްކަތް ކުރި ޕްރައުޒަށް ބައިނަލްއަގުވާމީ މަގުބޫލުކަން ލިބުނީ ސްޓާވޯޒްގައި އޭނާ އަދާކުރި ރޯލާ އެކުގައެވެ. ނަމަވެސް ޕްރައުޒް ބުނާ ގޮތުގައި، އޭނާ އެންމެ ގަޔާވި ރޯލަކީ، "ގްރީން ކްރޮސް ކޯޑް މޭން"ގެ ރޯލެވެ.

ޑާތު ވޭޑާ ގެ ރޯލުން ފެނުނު ޑޭވް ޕްރައުޒް (މ)، "ގްރީން ކްރޮސް ކޯޑް މޭން"ގެ ކެރެކްޓަރުގައި / ފޮޓޯ: ޕީއޭ މީޑިއާ

ޕްރައުޒް ވަނީ، "ސްޓްރެއިޓް ފްރޮމް ދަ ފޯސަސް މައުތު"ގެ ނަމުގައު، އޭނާގެ ހަޔާތުގެ ވާހަކަތައް، 2011 ވަނަ އަހަރު ޝާއިއު ކޮށްފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު