އޭއެފްސީ ކަޕް މުބާރާތުގައި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޖެހި އެންމެ މޮޅު ލަނޑު ހޮވުމަށް ބޭއްވި އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް ކާމިޔާބުކޮށްފިއެވެ.

އަޝްފާގު މި ޗެލެންޖް ކާމިޔާބުކޮށްފައި މިވަނީ ފައިނަލްގައި ޗައިނާގެ ސައުތް ޗައިނާ އޭއޭގެ ކުޅުންތެރިޔާ ޗަން ސުއި ކީއާ ބަލިކުރުމަށް ފަހުއެވެ. މި ޗެލެންޖްގައި އަޝްފާގުގެ ފަރާތުން ބައިވެރިކޮށްފައިވަނީ 2013 ވަނަ އަހަރު އޭނާ ނިއުގެ ޖާޒީގައި އިންޑޮނޭޝިޔާގެ ކްލަބެއްގެ ކޮޅަށް ޖަހާ ދިން ހުނަރުވެރި ލަނޑެވެ. މި ގޯލަކީ އެޓީމުގެ ޑިފެންސް ލައިނާ ކީޕަރު 'ލަނދުގަންނަވާލާ'، އަޝްފާގު ނިއުއަށް ޖަހާ ދިން ހިތް ގައިމު ސޯލޯ ގޯލެކެވެ. އަޝްފާގުގެ މި ލަނޑު މި ޗެލެންޖުގައި ކުރި ހޯދީ މި ޗެލެންޖްގައި ބައިވެރި ކުރި އަނެއް 32 ގޯލު ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

އޭފްސީ ބްރެކެޓް ޗެލެންޖްގެ ގައި ވާދަކުރަނީ 2013 ވަނަ އަހަރު އަޝްފާޤު ނިއުއަށް ޖަހާ ދިން ލަނޑެއް/ ފޮޓޯ: ޓުބިޓާ

އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކުރުމަށް ފަހު އޭއެފްސީ ޑޮޓް ކޮމްއަށް ދިން އިންޓަވިއުއެއްގައި އަޝްފާގު ބުނީ މިލަނޑަކީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި ވެސް ޖެހުނު އެންމެ މޮޅު އެއް ލަނޑު ކަމަށެވެ. އަޝްފާގު ބުނީ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެމެޗުގައި އޭނާއަށް ލަނޑު ޖެހުމަށް ފުރުސަތު ލިބުމުން އޭނާގެ ސިކުނޑީގައި އޮތީ އެންމެ ކަމެއް ކަމަށެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާގެ ތެރެއަށް ވަނުމުން ޑިފެންޑަރުން ހާސްވެގެން އުޅުން ތަން ފެނުނު ކަމަށާ އެއީ އޭނާއަށް ލިބުނު ހިތްވަރެއް ކަމަށް އަޝްފާގު ކިޔާދިނެވެ. އަދި ގޯލަށް ބޯޅަށް ޖެހީ ލަނޑު ވަންނާނެ ކަން ޔަޤީންވުމުން ކަމަށާ މި ގޯލަކީ ބޯޅަ ކޮށްޜައިގެން އޭނާއަށް ޖެހުނު އެންމެ މޮޅު ލަނޑުކަން އަޝްފާގު ފާހަގަކުރިއެވެ.

އަޝްފާގު ވަނީ އޭއެފްސީ ބްރެކެޓް ޗެލެންޖުން އޭނާ މޮޅުކޮށްދިނުމަށް އޭނާއަށް ވޯޓުދިން ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަ ގޮތެއްގައި ދިވެހި ސަޕޯޓަރުން އޭނާއަށް ދޭ ލޯބި ފާހަގަކުރަމުން އަޝްފާގު ބުނީ ދިވެހިންގެ ލޯތްބާއި ތަރުހީބާ ނުލާ މިފަދަ ކުޅުންތެރިއަކަށް އޭނާއަކަށް ނުވެވުނީސް ކަމަށެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލް އަޝްފާގު ކާމިޔާބު ކުރީ ބޮޑު ތަފާތަކުން

ޗެލެންޖްގެ ހުރިހާ ހިސާބެއްގައި ވެސް ދިވެހިން ވަނީ ޝައުޤުވެރިކަމާ އެކު އަޝްފާގަށް ވޯޓުލުމާ ވޯޓުހޯދައިދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ.