ކަރަންޓީނާ ހިލާފުވި 15 ފަޅުވެރިއަކު ހައްޔަރުކޮށް، މުއްދަތު ޖަހައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވަ ބާރުގެ ދަށުން ދ. ކުޑަހުވަދޫ "ދިރުން 2" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ފަޅުވެރިން ކަރަންޓީނާ ހިލާފުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކަރަންޓީނާ ހިލާފުވެ، އެއްވެސް ރަސްމީ އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނެގުމެއް ނެތި މި ދޯނި ވަނީ ކުޑަހުވަދޫއިން ފުރައިގެން ގޮސްފައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ކުޑަކުވަދޫ އިމަޖެންސީ އޮޕަރޭޝާން ސެންޓަރުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން "ދިރުން 2" ދޯނީގެ 15 ފަޅުވެރިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު، ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން މައްސަލަ ތަހުގީގު ކުރުމަށް 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރަން އަންގާ މީހަކު ކަރަންޓީނާ ހިލާފު ވެއްޖެ ނަމަ، އެމީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ވެސް ވަނީ ނިންމާފައެވެ.