ޓެރަރިޒަމްއާއި ޓެރަރިޒަމާ ގުޅުން ހުރި ހުރިހާ އަމަލަކާއި ކަމަކަށް، އެއްވެސް ޝަރުތަކާ ނުލައި ދެކޮޅު ހެދުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކަށް، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިކަމަށް ގޮވާލައްވާފައި ވަނީ، ނައިޖާގައި މިހާރު ކުރިއަށްދާ އޯއިސީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ސިލްސިލާ ބައްދަލުވުމުގައި، ތަގުރީރު ކުރައްވަމުންނެވެ.

އޯއައިސީގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާ، ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވަނީ، އިސްލާމް ދީނާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ އޮއެވަރުން އިސްލާމީ މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި، މި ކަމާ ކުރިމަތިލާނެ އުސޫލެއް، އޯއައިސީއާއި ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން އެކުލަވާލުމަށްވެސް ގޮވާލައްވާފައެވެ.

ނައިޖާގައި ކުރިއަށް ދާ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ދިވެހި ހާރިޖީ ވަޒީރު | ޓްވިޓާ

މުސްލިމުންނާ ދެކޮޅަށް ދުނިޔޭގައި ފެތުރެމުންދާ އޮއެވަރުގެ ނޭދެވޭ އަސަރު، ގިނަ އަދަދެއްގެ މުސްލިމުންގެ ދިރިއުޅުމަށް ފޯރަމުންދާ ކަން، ދިވެހި ހާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުގެ ނިޔަލަށް ނައިޖާގައި ކުރިއަށްދާ އޯއައިސީ ސަމިޓްގެ ހަވާސާގައި، ޝާހިދު ގެންދަވަނީ ބޭރު ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލު ކުރައްވާ، ދޭދޭ ގުޅުންތައް ބަދަހި ކުރައްވަމުންނެވެ.

ދިވެހިރާއްޖެއިން އޯއައިސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރުއެވެ. އޭގެ ފަހުން، ދިވެހިރާއްޖެއިން ދަނީ، މި އިއްތިހާދުގައި ހަރަކާތްތެރި ދައުރެއް އަދާ ކުރަމުން ކަން، ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ.