ޓެރަރިޒަމް މައްސަލައަކާ ގުޅިގެން ފުލުހުން ހިންގަމުން ދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ތ. ތިމަރަފުށިން އިތުރު 2 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެން ކަމަށެވެ.
ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ ބަޔަކު ހައްޔަރުކޮށް އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނިީ އެ ރަށު ސްކޫލުގެ ޓީޗަރަކާއި އެއާޕޯޓް މުވައްޒަފެކެވެ.
މިހާތަނަސް އައިރު ފުލުހުން ވަނީ ޖުމްލަ 8 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ މިމަހު 11 ވަނަ ދުވަހު އޮޕަރޭޝަން ހިންގުމުގެ ތެރެއިން ތިމަރަފުށިން ހައްޔަރުކުރި 31 އަހަރުގެ މީހަކާއި، އެދުވަހުގެ އިރާކޮޅު ހައްޔަރުކުރި 5 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އެއީ މާލެއިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހެއްގެ އިތުރުން ތިމަރަފުށިން 2 މީހަކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުމަތިން ހައްޔަރު ކުރި ތިން މީހުން ތިބީ ލަނޑާ ނަގާ ދޯންޏެއްގައެވެ. އަދި އެ ދޯނީގައި ތިމަރަފުއްޓަށް ނިސްބަތް ވާ ބަޔަކު ތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުށި ހައްޔަރު ކުރި އެކަކީ އެރަށު އެއާޕޯޓުގެ ޕަވާ ހައުސްގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ.
ހަރުކަށި ފިކުރުގެ ކަންކަމާ ގުޅިގެން ޝައްކު ކުރެވޭ 15 އަށްވުރެ ގިނަ ގެ ތިމަރަފުށިން ފާސްކޮށްފައިވާއިރު، މާލެއިން ވެސް ވަނީ ގެއެއް ބަލާ ފާސްކޮށްފައެވެ.
ހެއްކާނުލާ ރަށް ރަށު ރައްޔިތުން ދައްކާވާހަކައަށް ބިނާ ކޮށް ހައްޔަރު ކުރަންޔާމުން ސަރުކާރުން ޖަލުތަށް އިތުރު ކުރަން ވިސްނައްވާ...