އަންނަ އަހަރުގެ ކުރީކޮޅު ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ބެޗް ލިބޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޜ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރާ މަސައްކަތުން ރައްކާތެރިކަން ފޯރުކޮށް ދޭކަން ޔަގީންކުރެވިފައިވާ ހަތަރު ވެކްސިނެއް މިހާރު ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ވެކްސިނެއް ރަސްމީކޮށް ތައާރަފު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑަށް ވެކްސިނެއް ތައްޔާރު ވާން ވާއިރަށް ރާއްޖޭގައި ވެކްސިން ޖެހުމަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެކަމާ ގުޅޭ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވެކްސިން ޖަހާނެ މީހުން ގިންތި ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

"ކޮވެކްސް ފެސިލިޓީ"ގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ ހިލޭ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ހެދުމާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތި ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރަމުންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ކޮވެކްސް ފެސިލިޓީ" މިއީ ބައިނަލްއަގްވާމީ ގޮތުން އުފެދިފައިއޮތް ފެސިލިޓީއެއް ގިނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭން ެސް މީގަ ބައިވެރިވޭ. މި ފެސިލިޓީގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ ހިލޭ ވެކްސިން ލިބޭނެ. އެހެންވީމަ މި ފެސިލިޓީގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އަދި ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމާއި މިކަހަލަ ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން މިހާރުވެސް ވަރަށް ހަލުވި ސްޕީޑެއްގައި އެބަދޭ
ޑރ. ނަޒްލާ ރަފީގް

ޑރ.ނަޒްލާ ވިދާޅުވީ އަމާޒަކީ ވެކްސިން ލިބެންވާ ިރަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިފައި ހުރުން ކަމަށެވެ.

އިއްޔެ ކޮވިޑަށް 35 މީހުން ޕޮޒިޓިވް ވެފައިވާއިރު މާލެ ސަހައްދުން ޕޮޒިޓިވްވީ 28 މީހެކެވެ. އަދި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 3 މީހެކެވެ. ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،889 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،717 އަށް އަރާފައެވެ.