ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިއަދު މާލެއަށް ޝަރީއަތަށް ވަޑައިގަތުމަށް ފަހު ފުރާވަޑައިގެން ތަނަށް ދިޔަ ސަޕޯޓަރުންގެ ތެރެއިން 2 މީހަކަށް ފުލުހުން އަނިޔާ ކުރިކަމުގެ ތުުހުމަތު ޕީޕީއެމް އިން ކޮށްފިއެވެ.

ޕީޕީއެމް އިން ބުނީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމަށް ދިޔަ ސަޕޯޓަރުންގެ ތެރެއިން ދެ އަންހެނަކަށް ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ.

އެޑްމިޓް ކޮށްފައި ވަނީ ކައުންސިލް މެންބަރަކާއި އުމުރުން ދުވަސްވީ ސަޕޯޓަރެއް ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އަމްސޫދާ ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

މިއަދު ސޯޝަލްމިޑިއާގައި އާންމު ވެފައިވާ ވިޑިއޯ އަކުން ފެންނަ ގޮތުގައި އެއްވި މީހުންގެ ތެރެއިން މީހަކު ގަދަހަދަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވުމަށް އުޅުމުގެ ތެރޭގައި ދެ އަންހެނަކު ބިންމައްޗަށް ވެއްޓޭތަން ފެނެއެވެ.

އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދުނިޔެ، ކަނބަލުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް ވަކާލާތުކޮށް އަޑު އުފުލަމުން ދާ ވަގުތެއްގައި ފެނިގެން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަޒީރުންނާ ބައެއް ފުލުހުން ހިމެނޭ ގޮތަށް ކަނބަލުންނަށް އަނިޔާކޮށް ފުރައްސާރަ ކޮށް އެކަމަށް ހިތްވަރުދޭ ތަން ކަމަށެވެ. ސިޔާމް ވަނީ އެ ދެ އަންހެން ސަޕޯޓަރުންގެ ފޮޓޯވެސް ހިއްސާ ކުރައްވާފައެވެ.

އިދިކޮޅުން އަންހެނުންނަށް ފުލުހުން އަނިޔާކުރި އަކުގެ ތުހުމަތު ކޮށްފައިވާއިރު އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިއަދަށް ތާވަލު ކުރި ރައީސް ޔާމީނުގެ ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ. ޝަރީއަތް ކެންސަލް ކުރީ، ރައީސް ޔާމީނު ކޯޓުގައި ފާހަގަ ކުރެއްވި ބައެއް ކަންކަމާ ގުޅިގެންނެވެ. މިއަދުގެ ޝަރީއަތް ކުރިއަށް ގެންދަން ތާވަލު ކުރީ ޔާމީނު ކޯޓަށް ހާޒިރުކޮށް، ވަކީލުން އޮންލައިންކޮށް ކޯޓާ ގުޅާލައިގެން ތިބޭ ގޮތަށް ކަމަށް ވުމާއެކު ރައީސް ޔާމީނު އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން، ޝަރީއަތުގައި ވަކީލުންނާ އެކުގައި ތިއްބަވަން ބޭނުންފުޅު ވުމާއި، އަދި ހެކި ދިރާސާ ކުރުމަށް ކަރެކްޝަނުން ފޯރުކޮށްދިން ލެޕްޓޮޕް ބަގް ކޮށްފައި ހުރިކަމަށް ތުހުމަތު ކުރުން ފަދަ ޝަކުވާތަކާ ގުޅިގެންނެވެ.

މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ޝަކީލް ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި ލެޕްޓޮޕް ބޭނުން ކުރެވޭނެ ކަމަށާއި ވަކީލުން ބޭނުންނަމަ ރައީސް ޔާމީނާއެކު ކޯޓަށް ހާޒިރު ވެވޭނެ ކަމަށެވެ. އަދި އަޑުއެހުން ކެންސަލް ކުރައްވަމުން ގާޒީ ވިދާޅުވީ، ކުރިމިނަލް ކޯޓުގައި ވަކީލުންގެ ލެޕްޓޮޕް ބޭނުން ކޮށްގެން ރައީސް ޔާމީންއާ ބައްދަލުކޮށް ހެކިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.