މާލެ އާ ދުރު ހިސާބުތަކުގެ ރިސޯޓުތަކުގެ ކުލި ކުޑަކުރާ ގޮތަށް ޓޫރިޒަމް ގާނޫނަށް ބަދަލު ގެންނަން ބިލުގައި ހިމަނައިފިއެވެ.

އެ ބިލު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ބިލުގައިވާ ގޮތުން ޓޫރިޒަމަށް ދޫކުރާ ބިންތަކުގައި މިން އަޅައިގެން އަކަމީޓަރަކަށް ވަކިވަރެއް ނަގާނީ ދެ ލައްކަ އަކަމީޓަރަށް ވުރެ ކުދި ބިންތަކަށެވެ. އެންމެ ކުޑަ ކުއްޔަކަށް ދޫކުރަން ހިމަނާގައި އޮތީ އައްޑޫ އާއި ފުވައްމުލަކުންނެވެ. އެ ދެ ތަނުގައި އެވަރުގެ ބިންތައް ދޫކުރަން ހުށަހަޅާފައި އޮތީ އަކަމީޓަރަކަށް އަހަރަކު ދެ ޑޮލަރުގެ ރޭޓަކުން އަގު ނެގުމާ އެކު ނަގާނެ އެންމެ ބޮޑު ކުއްޔަކީ 250،000 ޑޮލަރަށް ހެދުމަށެެވެ.

ހއ. އަތޮޅާއި ހދ. ގައި އެވަރުގެ ބިންތަކަށް ނަގަން ކަނޑައަޅާފައި އޮތީ އަހަރަކަށް ހަތަރު ޑޮކަރުގެ ރޭޓުންނެވެ. އެ ސަަރަހައްދުން އެންމެ ބޮޑު އަދަދަކަށް ނެގޭނެ ކަމަށް އޮތީ ފަސް ލައްކަ ޑޮލަރެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަަށް އެވަރުގެ ބިންތަކަށް ނަގަން އޮތީ އަކަމީޓަރަކަށް އަށް ޑޮލަރެވެ. އަދި އެންމެ ބޮޑު އަދަދަކަށް އޮތީ އެއް މިލިއަން ޑޮލަރަށް ލިމިޓްކުރުމެވެ.

އެ ބިލްގައިވާ ގޮތުން ދެން ހުރި އަތޮޅުތަކުން އަކަމީޓަރަކަށް އަހަރަކު ހަ ޑޮލަރު ނަގަން ވަނީ ހިމަނާފައެވެ. ބިލުގައިވާ ގޮތުން އެންމެ ބޮޑުވެގެން ނެގޭނެ ކަމަށް ކަނޑައަޅާފައި ވަނީ 750،000 ޑޮލަރެވެ.

ދެ ލައްކަ އަކަމީޓަރާއި ހަތަރު ލައްކަ އަކަމީޓަރާ ދެމެދުގެ ބިންތަކުގެ އަކަމީޓަރަކަށް ވަކި އަދަދެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި އެތަންތަނުގައި ޖެހެނީ ކަނޑައަޅާ ވަކި ވަރެއް ކޮންމެތަނަކުން ވެސް ނަގާށެވެ.

އައްޑޫ އަދި ފުވައްމުލަކުގެ އެވަރުގެ ބިންތަކަށް ނަގަން އޮތީ އަހަރަަށް ހަތަރު ލައްކަ ޑޮލަރެވެ. އަދި ހއ. އާއި ހދ. އިން 750،000 ޑޮލަރު އޮތްއިރު ނ. އިން ފެށިގެން ދ. އަތޮޅާ ހަމައަށް އޮތީ 1.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ހުރި އަތޮޅުތަކަށް އޮތީ އަހަރަކަށް 1.1 މިލިއަން ޑޮލަރު ކަމަށް ބިލުގައި ވެއެވެ.

ބިލުގައިވާ ގޮތުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް އަކަމީޓަރަކަށް ނަގާނެ ވަކި އަގެއް ނެތެވެ.

އައްޑޫ އާއި ފުވައްމުލަކުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތައް ދޫކުރަން އޮތީ އަހަރަކު އަށް ލައްކަ ޑޮލަރަށެވެ. ހއ އާއި ހދ. ގައި އަހަރަކަށް އެއް މިލިޔަން ޑޮލަރަށް އަދި ނ. އިން ފެށިގެން ދ. އާ ހަަމައަށް އަހަރަކު ދެ މިލިޔަން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި 1.5 މިލިޔަން ޑޮލަރެވެ.

އެބިލާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިފަދަ އިސްލާހުތަކެއް ބޭނުމަކީ ފަތުރުވެރިކަން ކުރި ނާރާއި އޮތް ސަރަަހައްދުތަކުގެ ފަތުރުވެރިކަމަަށް އިންވެސްޓްކުރުންކަން ފާހަގަކުރައްވާފައެވެ.

އެބިލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި ކަށަވަރު އެއް އާމްދަނީ އަކީ ޓޫރިިޒަމަށް ދޫކޮށްފައިވާ ތަންތަނުން ނަގާ ކުލި ކަމަށާއި މިހާރު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފި ނަމަ ބޮޑު އާމްދަނީއެއް ކުއްލިއަކަށް ގެއްލޭނެ ކަމަށެވެ.

އޭގެ އިތުރުން މިދަނޑިވަޅުގައި ހާސް ކަމުގެ ޝިކާރައަކަށް ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތް (ޓޫރިޒަމް) ހަދަނީ އެއްވެސް ދިރާސާއެއް ނުކޮށް އަދި ބެލުމެއް ނެތި ކަމަށް ވެސް ސައިދު ވަނީ ވިދާޅުވެފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު