އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތް ކަމަށާއި އަންހެނުންނަކީ އިހުތިރާމު ލިބިގެންވާ ގަދަރުވެރި ބައެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް މަސައްކަތް ކުރާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ނައިބު ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަމަށް ނައިބު ރައީސް ހިތާމައާއެކު ގފާހަގަ ކުރެއްވިއެވެ. އަދި ގިނަ ފަހަރަށް ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އެ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިފަދަ އަނިޔާތަކާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައި ލައްވާ ފައިސަލް ވިދާޅުވީ، ކޮވިޑްގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ މި މަސައްކަތަކީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުންނާއި، ގައުމަށް ކުރިމަތިވެފައިވާ އިގްތީސޯދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައެވެ. އެގޮތުން އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށް ދިނުމާއި، އެ މީހުންގެ މަސްލަހަތު ހިމާޔަތްކޮށް ދިނުމާއި، އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށް ޝަރުއީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުވިއެވެ.

މީގެ އިތުރުން މިފަދަ މައްސަލަތަކަކީ ވަކި ގައުމަކަށް ހާއްސަ މައްސަލަތަކެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ގޮތުން މިފަދަ މައްސަލަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ އެ މީހުންނަކީ އިހުތިރާމު ލިބިގެންވާ ގަދަރުވެރި ބައެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެ މަނިކުފާނުގެ ހިޠާބުގައި ގޮވައިލެއްވިއެވެ