ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭ ކަމަށް އިންފޯމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ ދިޔަރެސް ނޫހުން ބުނީ، ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހޯދުމަށް އެ ނޫހުގެ ފަރާތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން އެ މައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް ޑިފެންސުން ބުނި ބުނުމަކީ ރަނގަޅު ނިންމުމެއް ކަމަށް އައިކޮމްއިން ނިންމުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.

ދިޔަރެސް އިން ބުނީ ހައިކޯޓުން މި މައްސަލަ އިންސާފުވެރިކޮށް ބަލާނެކަމަށް އުންމީދުކުރާ ކަމަށާއި ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބި އިރު މިތާ އެމީހުންގެ އަދަދު އެނގެންޖެހޭ ކަމަށެވެ. ދިޔަރެސްގެ ފަރާތުން ވަކީލެއްގެ ގޮތުގައި މި ކޭސްގައި މަސައްކަތް ކުރާނީ ކުރީގެ ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުވެސް އަދާ ކުރެއްވި މަރިޔަމް ނިހާޔަތު ކަމަށް ދިޔަރެސް ނޫހުން ބުނެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއްގެ ގޮތުގައި ހިންގާ "ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި ވަނީ އެދިފައެވެ. އެކަމާ ގުޅިގެން މި މައްސަލަ އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ މި މައްސަލާގައި ދެ އަޑުއެހުމެއް ބާއްވާފައެވެ.

އެ އަޑުއެހުމުގައި އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ. އައިކޮމް އިން ބުނެފައި ވަނީ މި މައްސަލައާއި ގުޅިގެން މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ގާނޫނީ ހުއްޖަތެއް ޑިފެންސުން ހިއްސާކޮށްފައިވާ ކަމަށާއި އެ ހުއްޖަތަކީ ބަލައިގަނެވޭނެ ހުއްޖަތެއް ކަމަށެވެ. އަދި އެ މައުލޫމާތަކީ ހިއްސާކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އައިކޮމްއިން ނިންމިއެވެ. އެހެން ނަމަވެސް މި ނިންމުމާމެދު ދިޔަރެސް އިން ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވެފައި ވެއެވެ.

ރާއްޖޭއަށް ކުރިން ގެނައި ހެލިކޮޕްޓަރުތަކާއެކު އިންޑިއާ ސިފައިން ވަނީ ރާއްޖެއަށް އައިސްފައެވެ. މީގެ އިތުރުން އިންޑީއާ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގާ ތަމްރީންތަކުގައި ވެސް ރާއްޖެއަށް އިންޑިއާ ސިފައިން އައިސް ވަނީ ހަރަކާތްތެރިވެފައެވެ.