މީލާދީ ސަނަތުން 2020 ވަނަ އަހަރާ މުޅި ދުނިޔެ ކުރިމަތިލީ ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ބަނަވިލާގަނޑެއް ބޯމަތިވެފައި ވާ ހާލުގައެވެ. އެ ވިލާގަނޑުގެ ހިޔަނި ނޭޅޭ ހަމަ އެންމެ ކަމެއް ނެތޭ ދެންނެވުމުގައި ގޯހެއް ނެތެވެ. ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް، އިހު އުޅުނު އާންމު ދިރިއުޅުން މާޒީގެ ތެރެއަށް ވަގުތީ ގޮތުން ނަމަވެސް ދޫކޮށްލަން ޖެހުމުގެ ސަބަބުން އެޅުނު ހިޔަނީގައި އުފެދެމުން ދިޔަ އިތުރު ބަލިމަޑުކަމަކަށް ވީ، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާގެ ބަލިމަޑުކަމެވެ. ގޭގެ ދޮރުތައް ބަންދުވެ، އައިސޮލޭޝަންއަށް ދާން މަޖުބޫރުވުން ވީ، އަނިޔާގެ ބަލިމަޑުކަން ފެތުރިގަތުމަށް ތަނަވަސްވި ރާސްތާއަކަށެވެ. ވަކިން ހާއްސަކޮށް، ގެވެށި އަނިޔާއެވެ.
އަންހެނުންނަށް ކުރާ އަނިޔާގެ ބަލިމަޑުކަމަކީ މި ދުނިޔެއަށް އާ ވަބާއެއް ނޫނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިންވެސް މިކަން އޮތީ، ވެކްސިނެއް އޮވެމެ، ހައްލު ނުލިބުނު ކަމެއްގެ ގޮތުގައެވެ. ފާއިތުވީ އަހަރަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 243 މިލިއަން އަންހެނަކާއި އަންހެން ކުއްޖަކަށް އަނިޔާ ލިބުނީ، ހަޔާތުގެ ބައިވެރިޔާގެ ފަރާތުންނެވެ. ކޮވިޑް-19ގެ ކާރިސާއާއެކު، މި ކަން އިތުރަށް ވީ ގަދައެވެ. މި ކަން ހުއްޓުވުމަކީ އިންސާނަކަށް ވީތީ ހަމަ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. ފަރުވާތެރިކަމާއި ރައްކާތެރި ކަމާއެކު ހަރަކާތްތެރިވެއްޖެ ނަމަ، ތިބާއަށްވެސް މިކަން ހުއްޓުވަން ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.
1. އަނިޔާ ލިބޭ މީހުންގެ ވާހަކަ އަޑު އަހާ، ގަބޫލު ކުރޭ
އަނެކާ ވާހަކަ ދައްކާއިރު އަޑުއަހަންވީ ރައްދު ދޭކަށް ނޫނެވެ. އަންހެނަކު، އޭނާއަށް ލިބޭ އަނިޔާގެ ވާހަކަ، އެހެން މީހަކާ ހިއްސާ ކުރަން ފަށާ ހިސާބަކީ، އެކަމާ ދެކޮޅަށް އޭނާ އަޅާ ފުރަތަމަ ފިޔަވަޅުކަން ގަބޫލު ކުރަންޖެހެއެވެ.
މި ވާހަކަތައް އަޑުއިވެން ފަށާ ހިސާބަކީ، އޭނާއަށް ރައްކާތެރި މާހައުލެއް ހޯދާ ދިނުމަށް ތިބާ މަސައްކަތް ފަށަން ވީ ވަގުތެވެ. ޖިންސީ ގޯނާއާއި އަނިޔާގެ ވާހަކަ ހިއްސާ ކުރަމުން ދާއިރު، އެ ވަގުތެއްގައި އޭނާ ހުރި ހާލަތު (މިސާލަކަށް މަސްތުގެ ހާލަތުގައި ތޯ)، ނުވަތަ ލައިގެން ހުރީ ކޯއްޗެއްތޯ ނުވަތަ ޝާމިލުވެ އުޅުނީ ކޮން ހަރަކާތެއްގައިތޯ ސުވާލު ކުރާކަށް މުހިންމެއް ނޫނެވެ.
ފިރިމީހާގެ ފަރާތުން ކަމުގައި ވީ ނަމަވެސް، ނުހައްގުން އަނިޔާ ތަހައްމަލު ކުރާ ކަށް ރުހުން ދީގެން ވާކަށް ނެތެވެ. ކައިވެންޏެއްގައި އަނިޔާ ލިބޭ މީހާ ވަރި ނުވެ ހުރީ ކީއްވެތޯ ސުވާލުކޮށް އޭނާއަށް އިތުރު ހާސް ކަމެއް ނުދޭށެވެ. އެ ހާލަތުގައިވެސް އޭނާއަށް އެއްބާރުލުމާއި އެހީތެރިކަމާއި ހިމާޔަތް ދެވޭތޯ މަސައްކަތް ކުރާށެވެ.
2. އަންނަން އޮތް ޖީލު ހޭލުންތެރިކޮށްދިނުން
ދެ ޖިންސުގެ ފަރާގައި އިންސާނީ ހައްގުތަކުގެ ކުރި މަގު ބައްޓަން ކުރުމުގެ އެންމެ ބޮޑު އަސާސަކީ މާދަމާގެ ޖީލު ތަރުބިއްޔާތު ކުރާ ގޮތެވެ. ތިބާގެ ބެލެހެއްޓުމުގެ ދަށުގައިވާ މާދަމާގެ ޒުވާން ޖީލު ތަރުބިއްޔަތު ކުރުމުގެ މަސައްކަތް ޅަ އުމުރެއްގައި ފަށާށެވެ. ޖިންސުގެ ފަރަގާއި، ބޯދާ ގަބޫލު ކުރުންތަކެއްގެ ސަބަބުން ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކުގެ ވާހަކަ މިހާރުވެސް ކިޔައިދޭށެވެ. އެކަމުން ސަލާމަތްވާން ދަސްކޮށްދޭށެވެ.
ސްކޫލާއި، ޓީވީ ނުވަތަ އާންމު ދިރިއުޅުމުގައިވެސް ކުރިމަތިލާން ޖެހިދާނެ ޖިންސީ ފަރަގުތަކަށް ދަރިންގެ ލޯތައް ހުޅުވާލަދީ، އެފަދަ ވެއްޓަކުން ދަރިން ސަލާމަތް ކުރާށެވެ. ފިރިހެން ކުއްޖަކު ވިއްޔާ ނުރޯނޭވެސް ނުބުނާށެވެ. ރުއިމަކީ ހަމަ އެކަނި އަންހެނުންނަށް އޮތް ކަމެއް ކަމުގައި ތަސްވީރު ކޮށްދޭން ފެށުމުގެ އަސްލަކީވެސް މިއީއެވެ.
ކޮންމެ ކުއްޖެއްގެވެސް ހަށިގަނޑަކީ އެކުއްޖާގެ ހައްގެއް ކަން ބަޔާން ކޮށްދޭށެވެ. ރުހުމާއި ނުރުހުމުގެ ފަރަގު ބުނެދޭށެވެ. އެންމެ ޅަ އުމުރުގައިވެސް އެކުއްޖެއްގެ ނުރުހުމުގައި ކަމެއް ނުކުރާށެވެ.
3. އެކަށީގެންވާ އެހީ ހޯދާދީ
އަނިޔާ ލިބޭ މީހަކު ތިބާއާ އެ ވާހަކަތައް ހިއްސާ ކުރުމުން، އެއީ ފަހަރެއްގައި ހަމައެކަނި ތިބާއަށް ހައްލު ނުކޮށްދެވޭނެ ކަމަކަށް ވެދާނެއެވެ. އެހާ ހިސާބުން ދޫކޮށް ނުލާށެވެ. ކަމާ ގުޅުން ހުރި ފަރާތްތަކުގެ އެހީ ހޯދާށެވެ. އަނިޔާ ލިބޭ މީހާއަށް އެހީ ފޯރުކޮށްދޭށެވެ.
ބައެއް ކަހަލަ އަނިޔާއަކީ ޖިސްމާނީ ގޮތުންނަށް ވުރެ ނަފްސާނީ ގޮތުން އަނިޔާއާއި ވޭން ބޮޑު އަނިޔާތަކަކަށް ވާއިރު، މިފަދަ ކަންކަމަކީ ދާއިރާގެ ހާއްސަ ތަޖުރިބާކާރުންގެ އެހީ ބޭނުންވާނެ ކަމެއްކަން ތިބާވެސް ގަބޫލުކުރާށެވެ. ފަހަރުގައި ތިބާ އެކޮށްދޭ ފޯނު ކޯލަކީ، މީހެއްގެ ފުރާނަ ސަލާމަތް ކުރަން ކުރެވޭ ކޯލަކަށް ވެދާނެއެވެ.
4. އިޒުނަ ފަހުމް ކުރަން ދަސް ކުރޭ
އެއްވެސް މަޖުބޫރުކަމެއްނެތި، ހިތުގެ އަޑިން ދެވޭ އިޒުނައަކީ މުހިންމު އެއްޗެކެވެ. ދިރިއުޅުމުގައި ކަންކަމުގައި ހެޔޮ ގޮތުގައި އާނބަސް ބުނުމަށާއި، ދެކޮޅު ހަދަން ޖެހޭ ހާލަތުތައް އަނެކުންނަށްވެސް އަންގައިދޭށެވެ. އޭގައި ބުރަދަނެއް އޮތްކަން އަންގައިދޭށެވެ.
"އެ އަނިޔާއަކީ އޭނާ އަމިއްލައަށް ލިބިގަތް އަނިޔާއެއް"، "ފިރިހެނުން ވާނީ ފިރިހެނުންނަށް"، "އޭނައާ އިން އިރުވެސް އެނގޭނެ އެއީ އަނިޔާ ކުރާ މީހެއް ކަން" މިފަދަ އިބާރާތްތަކުން އިތުރު އަނިޔާއެއް ނުދޭށެވެ. އަނިޔާއަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫން ކަން ގަބޫލު ކުރަން ޖެހެއެވެ. ކޮންމެ ޖިންސެއްގެ މީހަކަށްވެސް އަނިޔާ ލިބިދާނެކަން ގަބޫލު ކުރަންޖެހެއެވެ.
ރުހުމާއި ނުރުހުމަކީ އޭގެ ފަރަގު ސާފުވެގެން އޮތް ދެ ކަމެވެ.
5. އަނިޔާގެ އިޝާރާތްތައް ދެނެގަތުން
އެންމެ އެކުގައި އުޅޭ މީހަކަށްވެސް ކިޔައިދޭން ނުކުރޭ ފަދަ ކަމެއް ތަހައްމަލު ކުރާ މީހަކުވެސް ހުރެދާނެވެ. ނުވަތަ އެ ހިތްވަރު ނުލިބިފައިވެސް މީހަކު ހުރެދާނެއެވެ. ނަމަވެސް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާއަކީ ސިއްރު ކުރެވޭނެ އަނިޔާތަކެއް ނޫންކަން ގަބޫލު ކުރަންޖެހެއެވެ. އެފަދަ އިޝާރާތްތަކަށް ފަރާވެރިވާންޖެހެއެވެ.
ހަށިގަނޑުގެ ތަންތަން ނޫފައިގަނެ، ބޭރު ފުށުން ޒަހަމެއް ފެންނަން ނެތެއް ކަމަކު އެތެރެ ހަށީގައި އަޅާ ވޭނެއްގެ ބޮޑު ކަމުން، ދިރިއުޅުން ހުއްޓި، ހަތަރު އުދަރެސް ފެނުޖެހިފައޭ ބުނާ ހާލުގައިވެސް ގާތް މީހަކު ހުރެދާނެއެވެ.
އެކަކު އަނެކަކު ޖަވާބުދާރީ ކުރުވާ
އަނިޔާއަކީ ކޮންމެ ފަދަ ގޮތަކަށްވެސް އައިސްދާނެ ކަމެކެވެ. ޖިންސީ އަނިޔާއާއި މަސައްކަތުގެ މާހައުލުގައިވެސް އަނިޔާއާ ކުރިމަތިލާންޖެހިދާނެއެވެ.
އަނިޔާއެއް ލިބޭ މަންޒަރު ފެނުމުން ހަނު ނުހުންނާށެވެ. ޖަވާބުދާރީ ކުރުވާށެވެ. ކަމާ ބެހޭ ފަރާތްތަކުގެ އެހީ ހޯދާށެވެ. ޖިންސީ ފުރައްސާރައާއި ގޯނާއަކީ އެއްވެސް ހާލެއްގައި ތަހައްމަލު ކުރަންޖެހޭނެ ކަންކަމެއް ނޫނެވެ. ޖޯކެއް ނުވަތަ ހަޖުލެއްގެ މާނާގައި ނަމަވެސްމެއެވެ. "އިން-ހުރަސް" ކޮށްފި ނަމަ، އެންމެ ގާތް އެކުވެރިޔާވެސް ޖަވާބުދާރީ ކުރުވާށެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ވަކާލާތު ކުރާއިރު، އަންހެނުންގެ މަގާމުވެސް ހިތުގެ އަޑިން ގަބޫލު ކުރަންޖެހެއެވެ. ދީނީ ފިކުރެއްގައި ޖެހި، އަނދިރި ކަމުގެ ތެރެއަށް ގެނބިގެން ދިއުމުގެ ބަދަލުގައި، އިސްލާމް ދީނުގައި އަންހެނުންނަށް ދެވިފައިވާ މަތިވެރި މަގާމާ މެދު ވިސްނާލާށެވެ. އިސްލާމް ދީނަކީ އަދުލުވެރިކަމުގެ ދީނެވެ. ކޮންމެ އިންސާނަކަށްވެސް ހައްގުތައް ކަށަވަރު ކޮށްދޭ ދީނެކެވެ. އިންސާނުން މާތް ކުރެވިފައި މި ދީނުގައި، ބައެއް ކަންކަމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމަށާ، އަނެއް ބައި ކަންކަމުގައި އަންހެނުންގެ މަގާމު އުފުއްލެވިގެންވާކަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފްވެސް ފާހަގަ ކުރައްވައެވެ. އިސްލާމް ދީނަކީ އެއްވެސް ގޮތަކުން އަންހެނުންނަށް އަނިޔާވެރިވުން މަނާ ކުރެއްވިފައިވާ ފުރިހަމަ ދީނެކެވެ.