ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޕެޓްރޯލިއަމް ސަޕްލައިކުރާ ސްޓޭޝަނަކަށް އަމާޒު ކޮށް، ހޯމަ ދުވަހު ދިން ޓެރަރިސްޓ ހަމަލާ، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އާންމު ރައްޔިތުން ދިރިއުޅެމުން ދިއުމުގެ އިތުރުން އިގުތިސޯދީ ހަރަކާތްތަކެއްވެސް ހިނގާ ސަރަހައްދަކަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާ ކުށްވެރި ކުރައްވާ، ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާއެކުގައި ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިވެހިރާއްޖެއިން ހިފާފައިވާ ބައިއަތު ތަކުރާރު ކުރައްވާފައިވެއެވެ.
ޖިއްދާ ގައި އޮޕަރޭޓް ކުރާ ޕެޓްރޯލިއަމް ފޯރުކޮށްދޭ ސްޓޭޝަނަށް އަމާޒުކޮށް، ހޯމަ ދުވަހު ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ، އެބަޔަކާ ދެކޮޅަށް ޔަމަނުގައި ސައުދީއިން ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިންނެވެ.
ޖިއްދާއަށް އަމާޒު ކުރި މިސައިލް ހަމަލާއާ ގުޅިގެން، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒްވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އާންމުން ދިރިއުޅެމުންދާ ސަރަހައްދަކަށް އަމާޒުކޮށް، މިފަދަ ހަމަލާއެއް ދިނުމަކީ ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާވެސް ހިލާފު ކަމެއް ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
ދިވެހި ހާރިޖީ ވަޒީރު މިހާރު ގެންދަވަނީ، ރިޕަބްލިކް އޮފް ނައިޖާގެ ވެރިރަށް ނިއާމޭގައި ނޮވެމްބަރު 27 އިން 28 އަށް ބާއްވާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިޖާއަށް ރަސްމީ ދަތުރެއް ކުރައްވަމުންނެވެ.
އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްގީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" މި ޝިއާރެވެ.