އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމް ކުރުމުގެ މަޝްރޫއު ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ރެއިންބޯ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ މިއަދު މެންދުރު ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ މުއްދަތަށެވެ.

15 މިލިއަން ރުފިޔާގެ މި މަޝްރޫއަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 7.9 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އަދި 7.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ދިވެހި ސަރުކަރުގެ ބަޖެޓުންނެވެ.

ހުޅުދޫ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ގާއިމް ކުރުމުގެ މަޝްރޫއު ރެއިންބޯ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ. އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތް ޝާނާ ރަފީގެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު