އިންޑިއާ ސަރުކާރުގެ އެހީގައި 4 ދާއިރާއަކުން ދިވެހިން ތަމްރީން ކުރަން ފަށައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއިން ބުނީ ތަަމްރީން ކުރަން ނިންމާފައި ވަނީ ކަސްޓަމްސް އާއި އިލެކްޝަން ކޮމިޝަން އާއި ސިވިލް ސާވިސް ކޮމިޝަން އޮފިޝަލުންނާއި އަދި ޓީޗަރުން ކަމަށެވެ.
އިންޑިއާގެ ފަރީދާބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް އިން، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 24 އޮފިޝަލުންނަށް ނަގައިދޭ އިންޓެލިޖެންސް އިންވެސްޓިގޭޝަން އެންޑް އިންފޯމޭޝަން ގެދަރިން އެނަލިސިސް އެންޑް އެންފޯސްމެންޓް އާއި ބެހޭ ސްޕެޝަލައިޒްޑް އޮންލައިން ޓްރެއިނިން ކޯހެއް މިމަހުގެ 23 އިން 27 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެއް ހަފްތާގެ މި ކޯހަކީ ޖޫން 2019 ގައި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެވުނު ކަސްޓަމްސް ކޯޕަރޭޝަން އާ ބެހޭ އެމްއޯޔޫ ގެ ދަށުން ހިންގޭ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ތަކުގެ ތެރެއިން ޕްރޮގްރާމެއް ކަމަށް ބުނެއެވެ.
މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 40 އޮފިސަރުން ވަނީ އެކި ދާއިރާތަކުން އިންޑިއާގައި ތަމްރީނު ކޮށްފައެވެ.
އިންޑިއާ އިންސްޓްޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓާ ގުޅިގެން ރާއްޖޭގެ އިލެކްޝަން ކޮމިޝަންގެ 10 އޮފިސަރުންނަށް މިމަހުގެ 23-27 އަށް އީ އައިޓެކް ވޯޓާ ރަޖިސްޓްރޭޝަން ކޯހެއްވެސް ހިންގުމަށް ވަނީ ނިންމާފައެވެ. އެ ކޯހުގައި ވޯޓާސް ރަޖިސްޓްރޭޝަނާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިތުރުން ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަނާ ގުޅޭގޮތުން ކިޔަވައިދޭނެއެވެ.
އޭގެ އިތުރުން ޓީޗިން ދާއިރާ އާއި ސިވިލް ސާވިސް ދާއިރާއިން ވެސް މީހުން ތަމްރީނު ކުރުން ހިމެނެއެވެ. އެގޮތުން ހައި ކޮމިޝަނުން ބުނީ ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ ގޮތުން ސްޕެޝަލައިޒްޑް އޮންލައިން ޓްރެއިނިން ކޯހުގެ 5 ކޯހެއ މިމަހުގެ 16 ގައި ފެށިފައިވާ ކަމަށެވެ.
ޗެންނާއީގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް ފޯ ޓީޗާޒް ޓްރެއިނިން އެންޑް ރިސާޗް (އެންއައިޓީޓީއާރް) ގެ ފަރާތުން ހިންގާ އެ ކޯސްތަކުގެ ތެރޭގައި ކޮލިޓީ އެޝުއަރެންސް އިން އޮންލައިން ޓީޗިން އާއި ލާނިން މެނޭޖެމަންޓް ސިސްޓަމްސް އާއި އޮންލައިން ޓީޗިން ޔޫޒިން ކޮލެބޮރޭޓިވް ޓޫލްސް އާއި މޮނިޓަރިން ފްރޭމްވޯކްސް ފޯ އޮންލައިން ކޯސަސް އަދި އިންސްޓްރަކްޝަނަލް ޑިޒައިން ފޯ އޮންލައިން ކޯސަސް ހިމެނެއެވެ.
ދިވެހިރާއްޖެއަކީ އިންޑިއާގެ އައިޓެކް ޕްރޮގްރާމްގެ ގިނަ ދުވަސްވީ ބައިވެރިއެއް ކަމަށް ހައިކޮމިޝަނުން ބުނެއެވެ. ޕެންޑަމިކް ގެ ސަބަބުން އައިޓެކްގެ ކެޕޭސިޓީ ބިލްޑިން ކޯސްތައް ސްޕެޝަލައިޒް އަދި ކަސްޓަމައިޒް ކުރެވި އޮންލައިން ކޮށް ހިންގަން ފަށާފައިވާ ކަމަށާއި އޮކްޓޯބަރު 2020 އިން ފެށިގެން ދިވެހިރާއްޖޭގެ އެކި މުއައްސަސާތަކުގެ އޮފިޝަލުންނަށާއި ޝައުގުވެރިވާ އެހެނިހެން ބައިވެރިންނަށް ހުޅުވާލައިގެން އެކި ދާއިރާތަށް ހިމެނޭ ގޮތަށް ހިންގޭ އެފަދަ އޮންލައިން ކޯސްތައް އިތުރުކުރެވިފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ކައިރި މުސްތަގްބަލެއްގައި އޮޑިޓްގެ ދާއިރާއާއި ޖުޑިޝަލް ކޯޕަރޭޝަންގެ ދާއިރާއިން ވެސް ކެޕޭސިޓީ ބިލްޑިން އިނީޝިއޭޓިވްތައް ފުޅާކުރުމަށް ރޭވިފައިވާ ކަމަށް ބުނެއެވެ.