ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން ނުވަތަ އުފެދެމުން އަންނަ ތޫފާން ނިވާރްގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން އަދި ތޫފާނަކަށް ބަދަލު ނުވާ ކަމަށެވެ. އަދި އޭގެ އަސަރު ރާއްޖެއަށް ސީދާ ގޮތުން އަސަރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ނުސީދާ އަސަރު އަންނަ ބުދަ ދުވަހު ރާއްޖެއަށް ވެސް ކުރާނެ ކަން އޮފިޝަލް ފާހަގަ ކުރެއްވިއެވެ.

އުފެދެމުން އަންނަ ތޫފާން ނިވާރުގެ މިސްރާބު މިހާރު ޓަމިލް ނާޑޫ ސަރަހައްދަށް ހުރިއިރު، އޭގެ ބާރު ގަދަ ވަމުން އަންނާތީ، އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން، ވަނީ ޗެންނާއީއަށް އޮރެންޖު އެލާޓް ނެރެފައެވެ. ތޫފާން ނިވާރްގެ ބާރުގަދަ ވަމުން ގޮސް، ގަޑިއަކު 100-110 ކިލޯމީޓަރާ ދެމެދު، އަދި ކޮޅިގަނޑުގައި ގަޑިއަކު 120 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުން އެކަށީގެން ވާ ކަމަށްވެސް އިންޑިއާގެ ސަރަހައްދީ މޫސުމާ ބެހޭ އިދާރާ (އާރްއެމްސީ) އިން ވަނީ އިންޒާރު ކޮށްފައެވެ.

ތޫފާން ނިވާރް އުފެދެމުން ދަނީ ޕޮންޑިޗެރީގެ 550 ކިލޯމީޓަރު އިރު-އިރުދެކުނުން އަދި ޗެންނާއީގެ 590 ކިލޯމީޓަރު ބޭރުންނެވެ.

ބުދަ ދުވަހު މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވާއިރު، މިހާރު ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތުގައި މެދުރާއްޖެތެރޭގެ އެކިހިސާބަށް ކެެރީގެ އަސަރުފޯރާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނާއިރު، ތ. އަތޮޅުން ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އުތުރުގައި އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވެސް ލަފާ ކުރެއެވެ.

ހަމައެއާއެކު އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގު އުތުރާއި އުުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި އަދި ދެކުނުގެ ސަރަހައްދަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ދެކުނުގެ ސަރަޙައްދަށް ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާއިރު އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެއެވެ. އަދި ރާޅުގެ އުސް މިން ހުންނާނީ 3 ފޫޓާއި 5 ފޫޓަށް އުފުލޭނެއެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު